ޕާލް ރެސިޑެންސީ ވިސާ އަންނަ މަހު ތަޢާރަފްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޕާލް ރެސިޑެންސީ ވިސާ އަންނަ މަހު ތަޢާރަފްކުރަނީ

އިންވެސްޓަރުންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރާ "ޕާލް ރެސިޑެންސީ ވިސާ" އަންނަ އޭޕްރީލް މަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މި ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސް އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓަރ ފޯރަމްގައެވެ. މި ވިސާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ދިގުމުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ މަގު ފަހިކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ޕްރޮގްރާމް ތަޢާރަފްކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އެޕްރީލް މަހު ޕާލް ރެސިޑެންސީ ދިވެހިރާއްޖޭގައި ތައާރަފްކުރުން. ބައެއް ފަރާތްތަކުން މީތި އަޅާ ކިޔާ، ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑެން ވިސާ ޕްރޮގްރާމާއި،" ވަޒީރު ސަޢީދު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި ރެސިޑެންސީ ވިޔަފާރިއެއް ތަޢާރަފްކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.

މި އައު ވިސާ ޕްރޮގްރާމަކީ ރާއްޖެއަށް ބޭރުގެ ފައިސާ ވަންނާނެ އައު ދޮރުތަކެއް ހުޅުވި، އިޤްތިޞާދީ ކުރިއެރުމަށް ލިބޭނެ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.

މިއަދު އޮންލައިން