ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އީއާރްގެ ޚިދުމަތް ދެދުވަހެއްގެ ތެރޭގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އީއާރްގެ ޚިދުމަތް ދެދުވަހެއްގެ ތެރޭގައި ފަށަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް (އީއާރް) އައު އިމާރާތަކަށް ބަދަލުކޮށް، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި މިހާރު އިމަރޖެންސީ ފަރުވާ ދިނުމަށް ބޭނުންކުރާ ރޫމް ހުންނަނީ ހޮސްޕިޓަލް އިމާރާތުގެ ވަރަށް އެތެރޭގައި ކަމަށްވާތީ، ކުއްލި ޙާލަތްތަކުގައި ބަލިމީހުން ވައްދައި ފަރުވާ ފެށުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއެވެ. ނަމަވެސް އަލަށް ތައްޔާރުކުރި އީއާރަކީ ސީދާ އެންބިއުލާންސް ކައިރިކުރެވޭ ގޮތަށް، ހޮނިހިރު ބާޒާރު އޮންނަ ފަޅީގައި ހަދާފައިވާ ތަނެކެވެ.

މި ބަދަލާއެކު ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ދެވޭ ފަރުވާ އަވަސްވެ، ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. "މިއީ ކުއްލި ޙާލަތްތަކުގައި ބަލިމީހާގެ ފަރުވާ އަވަސްވެ، އަދި ޚިދުމަތް ދިނުމުގައިވެސް ލިބޭނެ ލުޔެއް" ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އައު އީއާރްގައި ޖުމްލަ 6 އެނދު ހިމެނޭއިރު، އެތަނުގައި ނަރސް ސްޓޭޝަނާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމައި ޚިދުމަތަށް ތައްޔާރުވުމުގެ މަސައްކަތެވެ.

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ޕޭޝަންޓުން އައު އީއާރަށް ބަދަލުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފެށުމަށް ހޮސްޕިޓަލުން ދަނީ ތައްޔާރުވަމުންނެވެ.

މިއަދު އޮންލައިން