ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އެ ބޭންކުގެ 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކުރުމަށް ބޯޑު މެންބަރުންގެ މެދުގައި މިއަދު ބޭއްވި ޖަލްސާގައެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި، ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި 129 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއާއެކު މިއަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ޖެހޭނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަށް ބަލާއިރު 2025 ވަނަ އަހަރުގެ ރޭޝިއޯއަކީ 35 އިންސައްތަކަމަށް އެ ބޭންކުން ބުނެއެވެ. މިއީ 2024 ވަނަ އަހަރު ބެހި ހިއްސާގެ ފައިދާއާ އަޅާބަލާއިރު 25.81 އިންސައްތައިގެ ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި އެމްއައިބީން ބަހާފައިވަނީ 4.58 ރުފިޔާއެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން ބޯޑުން ނިންމާފައިވާ މި ހުށަހެޅުން ފާސްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މޭ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.