ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން މިއަދު އެކަނިވެސް 11 ފަރާތަކަށް ބިން ޙަވާލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެ ސަރަހައްދު ނުހިއްކައެވެ. ނަމަވެސް، މި ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސިއެލްއާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލާފައެވެ.
ހުޅުމާލެއިން އަލަށް ހިއްކި މި ފޭސް 3 ސަރަޙައްދުން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ބިން ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ފެށުމާއެކު، ގޯތި ލިބުނު ގިނަ އާއިލާތަކަކަށް މިހާރު ވަނީ ބޮޑު އުއްމީދެއް ލިބިފައެވެ.