ފުވައްމުލައް ސިޓީގައި ތިމާވެއްޓާ ރައްޓެހި މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމަށްޓަކައި ނާސަރީއެއް ހިންގުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރާ މި ނާސަރީ ހިންގުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ. މި މަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދާ "ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ނާސަރީގެ މަސައްކަތްތައް އެ ޕްރޮގްރާމް ނިމެންދެން ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
"ޏަވިޔަނި އަތޮޅު ނާސަރީ" ގެ ނަމުގައި ހުޅުވާ މި ނާސަރީގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ފަސް މިލިޔަން ގަސް މަޝްރޫޢަށް ބޭނުންވާ ގަސްތައް ހައްދައި އާލާކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އިތުރަށް ފެހިކޮށް، ރީތި ކުރުމަށްޓަކައި މި ނާސަރީގައި ހައްދާ ގަސްތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ނާސަރީއަށް ބޭނުންވާ އެކި ބާވަތުގެ ސާމާނާއި، ނާސަރީ އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ތިމާވެއްޓާބެހޭ ވުޒާރާއިންނެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ ފުޅާ މަޝްރޫޢުގެ ބައެކެވެ.