ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިލިމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓަކީ، އެ ރަށުގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ވިލިމާލޭގެ އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ބަދަލާއެކު އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް. މި ބަދަލާއެކު އެތައް ފުރުޞަތެއް ވަނީ ހުޅުވިފައި. އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު މިވަނީ ހުޅުވިގެން ގޮއްސަ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ނިންމަވައި، ވިލިމާލޭގެ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތްކުރަން ހުއްދަ ދެއްވަން ނިންމެވުމާއެކު އެކަމަށް ފާޑުކީ ބަޔަކުވެސް ތިބި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނިންމެވީ، ވިލިމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބަލައި، ކުރިއަށް އޮތް ޖީލުތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ވިލިމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.