ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ ހައުސިން ޔުނިޓުގެ މަޝްރޫޢާއެކު ދިވެހި ރައްޔިތުންނަށް ހަޤީގީ މާނާއިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރު ކޮށްދިނުމަށް މަގުފަހިވެފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖައްސަވައި ދެއްވުމަކީ ސަރުކާރުން ނިންމެވި ވަރަށް ޙިކުމަތްތެރި އަދި ދުރުވިސްނޭ ނިންމެވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބިމަށް ކުލި ދައްކަން ނުޖެހުމުގެ ސަބަބުން މަޝްރޫޢުގެ ޖުމްލަ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. "މީގެ ސަބަބުން މަޝްރޫޢުގެ ޚަރަދު ބޮޑުތަނުން ކުޑަވެފައި، ދިވެހި ޢާއިލާތަކަށް ހަޤީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މިވަނީ މަގުފަހިވެގެން ގޮއްސަ. މިއީ ހަރުދަނާ ސިޔާސަތުތަކެއްގެ ސަބަބުން ރައްޔިތުންނަށް ސީދާ މަންފާކުރާނެ ކަމުގެ ލާމަސީލު މިސާލެއް،" ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޝްރޫޢަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި 'ރެންޓް-ޓު-އޯން' ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ތަޢާރަފްވެގެންދާނެ ފުރަތަމަ މަޝްރޫޢު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މި މޮޑެލްގެ ސަބަބުން ގެދޮރު ގަތުމަށް ކުރިން އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ ބޮޑެތި އަދަދުތައް ދެއްކުމުގެ ބުރަ ކުޑަވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އާންމު ރައްޔިތުންނަށް އަތްފޯރާފަށުގައި އަމިއްލަ ގެދޮރު މިލްކު ކުރުމުގެ ފުރުޞަތު ފަހިވެ، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ލުޔެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން އުންމީދު ކުރެއެވެ.