ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުނުހަދާނެ: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުނުހަދާނެ: ޤާސިމް

ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުނުހަދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ "ހޭލުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޤާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވާގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ، އަދި މިހާތަނަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ. މިއީ އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ބެލި ކަމުގައިވީނަމަވެސް ޤައުމަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، މި ބަދަލުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުވިގެންދާ ދޮރުތައް ބަންދުކުރުމަށްވެސް މީގެ ސަބަބުން ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، "ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަނީ ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު މިއާ ދެކޮޅަށް ވޯޓުލާކަށް އަޅުގަނޑަކަށް ނުފެެނޭ. އަޅުގަނޑަށް ފެންނަނީ މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އިނގިރޭސިބަހުން ދަންނަވާނަމަ ލޯންގް އޮވަޑިއުއެއް މިއީ."

މީގެ އިތުރުން، ހެޔޮ ނަޒަރަކުންނާއި ރަނގަޅު ވިސްނުމަކުން ވިސްނައިފިނަމަ މިކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކު ހުންނާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށްވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވިއެވެ. ރާއްޖޭގެ އިންތިޚާބީ ނިޒާމަށް މިފަދަ ބަދަލެއް ގެނައުމުގެ ވާހަކަތަކަކީ ސިޔާސީ މައިދާނުގައި މިހާރު ބަހުސް ކުރެވެމުންދާ މުހިންމު މައުޟޫއެކެވެ.

މިއަދު އޮންލައިން