ޢިބްރަތްތެރި ވާހަކަ: ދަރިފުޅު ބަލިވީމާ ބަލަން ބޮޑުވެ އަނބިމީހާ ވަރިކޮށްލައި ފިލައިގެން އުޅެފައި ތިމާއަށް ޙާލެއްގަ ޖެހުނީމަ ދަރިފުޅު ފެންނަ ބައްޕައިންނަށް ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 24ސ
ޢިބްރަތްތެރި ވާހަކަ: ދަރިފުޅު ބަލިވީމާ ބަލަން ބޮޑުވެ އަނބިމީހާ ވަރިކޮށްލައި ފިލައިގެން އުޅެފައި ތިމާއަށް ޙާލެއްގަ ޖެހުނީމަ ދަރިފުޅު ފެންނަ ބައްޕައިންނަށް ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

ކައިވެނިކުރަނީ ކައިވެނިކުރުމަށްފަހު އަނބިމީހާގެ ހުރިހާ ކަމެއް ބަލަހައްޓައި ދަރިން ލިބުމުން ދަރިންވެސް ހެޔޮގޮތުގައި ބަލަހައްޓަން ﷲ މަތިވެރި އިސްފުޅުގެ ބޭނުންކޮށް އެއްބަސްވެގެންނެވެ. ނަމަވެސް ލިބޭ ދަރިފުޅު ބަލިކުއްޖަކަށްވެއްޖެނަމަ ނުވަތަ ދަރިފުޅަށް ބައްޔެއް ޖެހިއްޖެނަމަ ދެމައިން ދޫކޮށްލައި ފިލައިގެން އުޅެފައި ދަރިފުޅު ބޮޑުވެ އަމިއްލައަށް އުޅެންފެށުމުން ދަރިފުޅު ފެންނަ ބައްޕައިން ތިބޭކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. 

މިބާވަތުގެ ބައްޕައިންގެ ވާހަކަތައް ގެނެސްދެމުން މިގެންދަނީ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކޮށް މިފަދަ އަނިޔާވެރި ގޮތްގޮތް ދަރިންނަށް ނުހަދަން އިލްތިމާސްކުރުމުގެ ގޮތުންނެވެ. ދަރިން ލިބުމުން ޚާއްޞަކޮށް ދަރިންނަށް ބަލިޙާލެއްގައި އުޅެންޖެހުމުން އެއްލާފައި ދިއުމަކީ، އަދި ދިއުމަސްފަހު އެހީތެރިނުވެ ހުރުމަކީ ދީނީ ގޮތުން ބެލިނަމަވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންވީމައެވެ.   

ވާހަކަވިދާޅުވެލައްވާށެވެ!  

އަޅުގަނޑު މިކިޔައިދެނީ މިހާރުހެން ބޭސްފަރުވާއަށް އެއްވެސް ސަންދައެއް ނުވަތަ އެނޫންވެސް އެހީތެރިކަމެއް ސަރުކާރުގެފަރާތުން ލިބެން ނެތް އިރުގެ ވާހަކައެކެވެ. އެއިރު ލިބޭ ސަންދައަކީ ރައީސުލްޖުމްހޫރިއްޔާ ހެޔޮފުޅުކަމުން ދެއްވި މިންވަރެކެވެ. އަދަދު ކަނޑައެޅިފައި އޮންނަނީ ބޭފުޅުންނާއި ނުފޫޒުގަދަ މީހުންނާއި ރުހިވަޑައިގަންނަވާ ބައަކަށް ގިނައިން، އާދައިގެ ޢާންމު ރައްޔިތެއް ނަމަ ނުހަނު މަދު މިންވަރެކެވެ.  

އެދުވަސްވަރު އަޅުގަނޑުމެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ދެފައިން ވާގިދިއައެވެ. ވީގޮތެއް ޑޮކްޓަރުންނަކަށް ނުއެނގުނެވެ. ކުރެވޭނެ ކަމެއް އޮތްކަމަކަށްވެސް ނުވިއެވެ. އެއީ 12 އަހަރުގެ އަންހެން ދަރިއެކެވެ.

އެޙާލެއްގައި އުޅެނިކޮށް ޖެހިގެން އުޅެނީ ނާރުގެ މައްސަލައެއް ކަމާއި އޮޕަރޭޝަންކޮށްގެން ރަނގަޅުވެދާނެ ކަމުގެ އުންމީދެއް ލިބުނެވެ. ނަމަވެސް އެފަރުވާ ރާއްޖެއިން ލިބޭކަށް ނެތެވ. އަޅުގަނޑުމެންނަކީ ވަރަށް ފަޤީރު ބައެކެވެ. ލިޔުންތައް ހުށަހަޅައިގެން ދެކޮޅަށް ހިނގާތާ މަހެއްހައި ދުވަހުން ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން އެމަނިކުފާނުގެ ރިޔާސީ ގަނޑުވަރުން އިންޑިއާއަށް ދެމީހަކަށް (ދަރިފުޅަށާއި އެހީތެރިޔާއަށް) ދެކޮޅު ޓިކެޓާއި 200 ޑޮލަރު ލިބުނެވެ. ސަލާން ޖަހައިގެން އެކި ގޮތްގޮތުން އިތުރު 300 ޑޮލަރު ލިބުނެވެ.  

އެއީ އެވަރުކަމަކަށް އެކަށީގެންވާ ޢަދަދެއް ނޫންކަމަށް އެންމެންވެސް ބުނާތީ ހުރީ ދެން ހަދާނެ ގޮތް ހުސްވެފައެވެ. އެންމެ ބޮޑަށް ދެރަވީ ފިރިމީހާގެ އެއްވެސް އަޅައިލުމެއް ނުލިބޭތީއެވެ. އަތުގައި ލާރިނެތްއިރު މީހަކު އަތުން އެއްޗެއް ލިބޭތޯވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ.  

އެހެންވެ އެވާހަކަ ދައްކާތީ ކޮށްދިން ހެޔޮކަމަކީ އަޅުގަނޑު ވަރިކުރުމެވެ. ވަރިކުރި ދުވަހު އަހައިލީމެވެ. "އަހަރެން ވަރިކޮށްލާފައި ދެމައިން އެކަނިކޮށްލާފައި ދިއައިމާ ދަރިފުޅަށް ހިނގޭނެހެއްޔެވެ؟" އަނގައިންވެސް ނުބުނެ ނުކުމެގެން ދިއައީއެވެ. އެހިސާބުން ހުރިހާ ގޮތަކުންވެސް ނިކަމެތިވީއެވެ. ނަމަވެސް އުންމީދު ކަނޑައެއް ނުލަމެވެ.  

އެހެން އުޅެނިކޮށް ބައްދަލުވި އެކުވެރިއަކު މެދުވެރިވެގެން ދީލަތި ވިޔަފާރިވެރިއަކަށް ސިޓީއެއް ފޮނުވީމެވެ. އެސިޓީ ލީތާ ހަފްތާއެއްހައި ދުވަސްފަހުން ޖަވާބު ހޯދަންދިއައިރު އޮތީ ޖަވާބު ދެއްވާފައެވެ. ޖަވާބަކަށް އޮތީ ދަރިފުޅުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް އޭނާ ކޮށްދެއްވާނެ ކަމަށެވެ.  

އިންޑިއާށް ދިއުމުން ޢޭނާގެ މުވައްޒިފުން ޙަވާލުވެ ހަނދާންވާގޮތުން ބީޖީ ކިޔާ އޭނާ ފޮނުވާ ބަލިމީހުން ބައިތިއްބާ ހޮޓަލެއްގައި ބޭތިއްބިއެވެ. ޑޮކްޓަރަށް ދައްކައިދިނެވެ. ކުރަންޖެހުނު އޮޕަރޭޝަނާއި ހުރިހާ ކަންކަން ކޮށްދިނެވެ.  3 މަހާއި ގާތަށް ތިބެން ޖެހުނެވެ. ﷲ އިރާދަފުޅުން އައީ އެކަމުން ޝިފާލިބިގެންނެވެ. ބޭހަށް ދިއަ ޢަދަދެއްވެސް ނޭނގެއެވެ.  

ކޮންމެއަކަސް ދަރިފުޅަށް ހިނގިއްޖެއެވެ. ސްކޫލުން ކިޔަވައިވެސް ނިމިއްޖެއެވެ. ވަޒީފާއަދާކުރަންވެސް ފަށައިފިއެވެ. އެހުރިހާ ދުވަސްތަކެއް ފާއިތުވެގެން ދިއައިރުވެސް ފިރިމީހާ ލޮލަކުން ނުދެކެމެވެ. އަދި ދަރިފުޅަކަށްވެސް ބައްޕައެއް ނުފެނެއެވެ.

ކުއްލިއަކަށް ފެނުނީ އެމްބިޔުލާންސެއްގައި އައިސް ގެއަށް ފޭބިތަނެވެ. އެއްފައި ނޭޅެއެވެ. ހިނގަނީ ކިހިލިފަތްދޮށަށް ދަނޑިބުރިއެއް ލައްވައިގެންނެވެ. އެޙާލުގައި އައިސް ވަނީމާ ކޮށްޕާ ނެރޭކަށް ވެސް އަޅުގަނޑަކަށް ނުކެރުނެވެ. ނަމަވެސް ދަރިފުޅު ގޮސް އޭނާއަށް ކިޔަވައިދީ ފާއިތުވި 12 ވަރަކަށް އަހަރު އޭނާގެ ބައްޕަގެ ވާޖިބު އަދާކުރި ދޮންބައްޕަގެ ރުހުން ހޯދަން ސުވާލުކުރިއެވެ. އޭނާ ބުނީ ދަރިއަކު ވީމާ އޮންނާނީ ބައްޕައަށް އެހީތެރިވުން ކަމަށެވެ. ނަމަވެސް މިގޭގައި ބަހައްޓަން ނުފެންނަ ކަމަށެވެ. އެއީ އެފަދަ ބައްޕައެއްގެ ކިބައިން މައްސަލަތައް ނުނުކުމެ ނުދާނެތީ ކަމަށެވެ. އެހެންވެ ދަރިފުޅު ނިންމީ ގޭގައި ނުބަހައްޓާށެވެ. އަދި މިހައިތަނަށްވެސް އުޅުނުތަނެއްގައި އުޅުނަސް އެހީތެރިވާނެ ކަމަށެވެ.  

ދެން އޭނާ އެދުނީ ރަށަށް ފުރެންވަންދެން ބަހައްޓާލަ ދިނުމަށެވެ. އަޅުގަނޑުމެން މަޝްވަރާކޮށްފައި އެކަން ކޮށްދިނީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ މިފަދަ ބައްޕައިން ވަރަށް ގިނައެވެ. ދަރިފުޅަށް ނުހިނގިފައި އޮތް ދުވަހު އެއްލާލާފައި ދިއައީއެވެ. ދިއަ ގޮތަށް ދަރިއަކު ހުރިކަންވެސް ހަނދާންނެތި ހުރެފައި އޭނާއަށް ނުހިނގި ޙާލުގައި ޖެހުމުން ދަރިފުޅު މަތިން ކުއްލިއަކަށް ހަނދާންވީއެވެ. އޭނާއަށް ބޭނުންވުމުން އެނބުރި ހަމަ އެގެއަށް އަންނަން ލަދެއްވެސް ނުގަތެވެ. ވާނީވެސް އެހެންތާއެވެ! ލަދެއް ޙަޔާތެއް ހުރިނަމަ އެދުވަހު އެގޮތަށް ކަންތަކެއް ނުކުރާނެނޫންތޯއެވެ. 

ގޭގައިހުރެ އޭނާ ކިޔައިދިން ގޮތުން އަޅުގަނޑު ވަރިކުރިފަހުން 3 އަންހެނަކާއި ކައިވެނިކުރިއެވެ. ބަލިވީމާ އެއިރު އިނދެގެންހުރިމިހާ އޭނާގެ ގާތުން ވަރިވެފަ ގެއިން ނެރެލީއެވެ. އަތުގައި އެންމެ ރުފިޔާއެއްވެސް ނެތީމާ ދަރިފުޅު ގާތަށް އައީއެވެ.

އަޅުގަނޑު މިވާހަކަ މިއަދުނޫހާއި ޙިއްޞާ މިކުރީ މިބާވަތުގެ ފިރިންނަށް ފިލާވަޅަކަށްވޭތޯއެވެ! ދަރިން އުކާލާފައި ގޮސް އުޅޭހައިތަނެއްގައި އުޅޭނެހައި ގޮތަކަށް އުޅެފައި ދަރިން ބޮޑެތިވެ މަސައްކަތްކޮށްގެން ލާރިހޯދަން ފެށީމާ އެދަރިންގެ ގާތަށް ގޮސް އުނދަގޫކުރުމަކީ ލަދުވެތި ކަމެއްކަމަށް ބުނާށެވެ!

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން