އަހުރެން އެއޮފީހަށް ވަނީ 4 ވަނަ ދަރަޖައިގެ މުވައްޒިފަކަށެވެ. އެއިރު ލިބެނީ ވަރަށް ކުޑަކުޑަ މުސާރައެކެވެ. ސެކްޝަންގައި ވަރަށް ރީތި ކުއްޖަކު އުޅޭތީ ލޯބިވެވުނެވެ. ދުވަސްކޮޅަކަށްފަހު ކެތްނުކުރެވިގެން 2 މީހުން އެކުގައި ކެއުމަކަށްދާން ދަޢުވަތުދިނީމެވެ. އެކަމަކު އޭނާ ވަޤުތުން ކުރީ އިންކާރެވެ. އެއީ ވަޒީފާ ދަށްވެފައި ލިބޭ މުސާރަ ކުޑަވީމައެވެ.
އެއިރު ދިއައީ އެމްބީއޭއަށް ކިޔަވަމުންނެވެ. ފާސްވިލެއް މަތިކަމުންނާ ރަނގަޅަށް މަސައްކަތްކުރާތީ ދުވަސްކޮޅަކުން ސެކްޝަންގެ އިސް މީހަކަށް ވެވުނެވެ. މުސާރަވެސް ބޮޑުވިއެވެ. އެހިސާބުން އޭނާ އަހުރެންގެ ފަހަތުން އުޅެން ފަށައިފިއެވެ. އެކި ޒާތުގެ ވާހަކަތައް ދައްކަން ފަށައި ކުރިއަށް ގެންދަމުން އައިސް އެންމެ ފަހުން ހަފްތާ ބަންދެއްގައި ކައިރީ ރަށަކަށް ގޮސްލަން ބޭނުންކަމަށްވެސް ބުނެފިއެވެ.
އެއިރު އަހުރެންގެ ވިސްނުން ބަދަލުވެއްޖެއެވެ. އަވަހަށް ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް ފަށަން ވިސްނެން ފަށައިފިއެވެ. އެވާހަކަ އޭނާގެ ގާތުގައި ބުނުމުން ބުނީ އޭނާ ހުރީ ކައިވެނިކުރަން ބޭނުންވެގެން ކަމަށެވެ. ޖަވާބުގައި އަހުރެން ބުނީމެވެ. "އެކަމަކު ތިބާގެ ލޯބިވުން ހުރީ މަތީމަޤާމަށާއި ލިބޭ މުސާރައަށެވެ. ވަޒީފާއަކީ އެއްވެސް ގަރަންޓީއެއް އޮތް ކަމެއް ނޫނެވެ. މާދަމާ ވާނެ ގޮތެއް ނުއެނގެއެވެ. އެހެންވީމާ ތިބާއާ ގުޅޭކަށް ނުކެރޭނެއެވެ."
އެވަރަކުންވެސް އޭނާ ދުލެއް ނުކުރިއެވެ. ކުށް ޤަބޫލުކުރިއެވެ. މާފަށް އެދުނެވެ. ބުނީ ކުރިން އެހެން ބުނެވުނީ ލޯބިނުވެވޭތީ ކަމަށެވެ. މިހާރު ވަރަށް ބޮޑަށް ލޯބިވާކަމަށެވެ. ހުވާތައްވެސް ކުރަން ފެށިއެވެ. އެކަމަކުވެސް އަހުރެންނަކަށް އެކަމެއް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ ކައިވެނިކުރީ ރަނގަޅު ކުޖަކު ލިބުމުން އޭނާއާއިއެވެ. ކައިވެނިކުރުމުންވެސް އޭނާ 5 އަހަރު އަހުރެންނަށް އިންތިޒާރުކުރިއެވެ.
މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންތައް ދިމާވިގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. އެއީ ތިމާދެކެ ލޯބިވާ، ރަނގަޅު މީހަކު ލޯބިހުށަހަޅައިފިނަމަ ބޮޑާނުހާކާށެވެ. ކައިވެނިކުރުމަކީވެސް ބަރަކާތް ލައްވަވައި ދިރިއުޅުމަށް ކުރިއެރުން ދެއްވަވާ ކަމެކެވެ. ވީމާ އެއިރު އޭނާ ހުރި ޙާލަތަށް ނުބަލާށެވެ! މިއީ އަޅުގަނޑުގެ ވިސްނުމެވެ.
- ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް