"ސްމާޓް އަންހެނުން މާސްމާޓްވާނެ! އާދޭސްކުރަމުން ފަހަތުން ހިނގުމުގެ ބަދަލުގަ ދެރަގޮތެއް ހަދާލައިފިނަމަ މާބާރަށް ކުރިއަށް ދެމިގަންނާނެ!"ކަން އެނގޭނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
"ސްމާޓް އަންހެނުން މާސްމާޓްވާނެ! އާދޭސްކުރަމުން ފަހަތުން ހިނގުމުގެ ބަދަލުގަ ދެރަގޮތެއް ހަދާލައިފިނަމަ މާބާރަށް ކުރިއަށް ދެމިގަންނާނެ!"ކަން އެނގޭނެ ޙާދިސާއެއްގެ ވާހަކަ-

އެއީވެސް ލޯބިން އެކުގައި އެތައް ދުވަހަކު އުޅެފައި ކައިވެނިކުރި ދެމަފިރިންނެވެ. ފިރިމީހާއަކީ ތަނަވަސް މީހަކަށްވުމުން އަނބިމީހާ ވަޒީފާއިން ވަކިކުރުވައި ބެހެއްޓީ ގޭގައެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ ހުރީ ހޭލުންތެރިވެގެންނެވެ. އެހެންވެ ގޭގައި އިނދެގެން ދިއައީ އޮންލައިންކޮށް ވިޔަފާރިއެއް ކުރަމުންނެވެ. އެކަން ފިރިމީހާއަކަށް ނުއަންގައެވެ.  

ކައިވެންޏަށް 3 ވަނަ އަހަރުން ފެށިގެން މައްސަލަތައް ޖެހެން ފަށައިފިއެވެ. ފިރިމީހާ އިތުރު ލޯބިވެރިން ގެންގުޅޭތީއެވެ. މައްސަލަ ބޮޑުވަމުން އައިސް ކައިވެންޏަށް 5 ވަނައަހަރު ގެއަށްވެސް އަންހެންކުދިން ގެންނަން ފަށައިފިއެވެ. އެކަމަށް ބަހެއް ބުނެފިނަމަ ބުނަނީ މިއީ ފިރިހެނުންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށެވެ. ބޭނުންތައް ފުއްދައިދެން ކަމަށެވެ.  

ކަންކަން އެހިސާބަށް ދިއުމުން އަނބިމީހާ އަމިއްލައަށް ކޯޓަށް ގޮސް ވަރިވިއެވެ. ފިރިމީހާ ހީކުރީ އެދިއައީ އަނބިމީހާގެ މައިންބަފައިންގެ ގާތަށް ކަމަށެވެ. 2،3 ދުވަސްފަހުން އަނބިމިހާއަށް ގުޅުމުން އެނގުނީ އެނަންބަރު މިހާރު ބޭނުންނުކުރާ ކަމަށެވެ. އަނބިމީހާގެ މަންމައަށް ގުޅުމުން ބުނީ އުޅޭތަނެއް ނުއެނގޭ ކަމަށެވެ. އެހިސާބުން ފިރިމީހާ ނިންމީ ލޯބިވެރިއަކާއެކު ފިލައިގެން އުޅެނީކަމަށެވެ. އެހެންވެ ހޯދާކަށްވެސް ނުއުޅެއެވެ.  

އެއިގެ ހައަކަ މަސްދުވަސްފަހުން ލޯބިވެރިޔާ ގޮވައިގެން ގަހަނާ ވިއްކާ ފިހާރައަކަށް ވަންއިރު އެތަނުގެ ކަންކަމުގައި ކުރީގެ އަނބިމީހާ އުޅޭތަން ފެނުމުން ހީކުރީ އެތަނުގެ ވަޒީފާއެއްގައި އުޅެނީ ކަމަށެވެ. އެހެންވެ ދެރަކޮށް ހިތުގައި ޖައްސަން ބޭނުންވާތީ ލޯބިވެރިޔާ ބޭނުންވިހައި ގަހަނާތަކެއް ގަނެދިނެވެ. ފިހާރައިން ނުކުންނަން ހިނގައިގަތްތަނާ މުވައްޒިފުން ވަރަށް އިޙްތިރާމްކޮށް މެޑަމް ކިޔައިގެން އަނބިމިހާއަށް ވާހަކަދައްކާއަޑޫ އިވުމުން ލޯބިވެރިޔާ އާއިދެމީހުން މަޑުކޮށްލިއެވެ. ދެން ފެނުނީ މަތީ ބުރިއަށް އަރައި އޮފީހަށް ވަންތަނެވެ. ދެމީހުން ފަހަތުން ވަންއިރު އިށީނދެގެން އިނީ ވެރިމީހާ އިންނަ ގޮނޑީގައެވެ. އެއޮފީހަކީވެސް ވެރިމީހާގެ އޮފީހެވެ. ކުޑަ އެކަމަކު ވަރަށް ފުރިހަމަ އޮފީހެކެވެ.   

ވަރަށް އަދަބުވެރިކަމާއިއެކު އަނބިމީހާ އާއި ސުވާލުކުރިއެވެ. މިތަނުގެ ވެރިއަކީ ހަމަ އޭނާތޯއެވެ. ޖަވާބުގައި އަނބިމީހާ ބުނީ އޭނާގެ އަމިއްލަ ތަނެއް ކަމަށާއި އިތުރަށް ވާހަކަދައްކަން ބޭނުން ނޫން ކަމަށެވެ. ފިރިމީހާއަށް ވިސްނުނީ އަންތބަކަށް އިނދެ އޭނާގެ ފައިސާއިން ވައްކަންކޮށްގެން އުޅެނީކަމަށެވެ. އެހެންވެ ރުޅިއައިސް ވަގަށް ގޮވައި އެއްޗެތި ގޮވަންފެށުމުން އަނބިމީހާ ފޯނުގެ ފިތަކަށް ފިއްތައިލިތަނާ ސެކިޔުރިޓީންގެ 3 މީހުން ވަނުމުން ބުންޏެވެ. "އަހުރެން ކަލެއަކަށް ވަގަކަސް ނުގޮވާނަމެވެ. އެކަމަކު ކަލޭތިއަކުރި ޝައްކު އަހުރެންގެ ކުންފުނީގެ ބޭންކް އެކައުންޓުން ށާފުވާނެއެވެ. ލޯޔަރުން މެދުވެރިކޮށް ބޭންކުން ބަލައިލާށެވެ! އަހުރެން ތިބާ ކުރިއަމުރަށް ކިޔަމަންވެ ގޭގައި އިނީ ނިދާފައެއް ނޫނެވެ. ފުރަތަމަވެސް ކަލޭގެ ޢަމަލުތައް ހުރިގޮތުން ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އެހެންވެ އައީ ފައިސާ ހޯދަން މަސައްކަތްކުރަމުންނެވެ. އަހުރެން ވަރިވެގެން ދިއައީ ލޯބިވެރިޔަކާއެކުގައި ކަމަށާ އުޅެނީ ޒިނޭކުރަންކަމަށް ބުނެ ވާހަކަތައް ފެތުރީމާވެސް އަނގައިން ނުބުނީ ކަލޭގެ ވިސްނުން ކަލެއަސް ދޫކޮށްލަން ވެގެންނެވެ. އެކަމުން އަހުރެންނަށް ލިބޭނެ ގެއްލުމެއް ނެތުމުންނެވެ.

ބުނަންހެއްޔެވެ؟ އަހުރެން ބަދަލުވީ އަހުރެން ގަނެފައި ހުރި ފްލެޓަކަށެވެ. މިވިޔަފާރި މިފެންވަރުގައި ފެށުނީ އަހުރެންނާއިއެކު އޮންލައިންކޮށް ވިޔަފާރިކުރަމުން އައި މީހެއްގެ އެހީތެރިކަމުގައެވެ. މާދަމާރޭ އޭނާގެ ދަރިފުޅާއި ކައިވެނިއެބަކުރެއެވެ. ކަލޭ ތިއައުދުހޭ ޙަރާން ދުނިޔޭގައި އުދެހެން ހުންނާށެވެ."  

އަނބިމީހާގެ ވާހަކަތައް އަޑުއިވުމުން ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. އެފަދަ ހުޝިޔާރު އަންތބެއްގެ އަގުވަޒަން ނުކޮށް އޭނާއާއިމެދު ކަންތައްކުރެވުނު ގޮތް ވިސްނި ވީދެރައިން ޖެހުނީ ކަރުއެލުވާލައިގެންހުރެ ނުކުންނާށެވެ. ނުކުންނަން ފެށީމާ އަނބިމީހާ ބުންޏެވެ. "ކަލޭގެ ހުރިހާ އެކުވެރިންނާއި ހުރިހާ ލޯބިވެރިން ގޮވައިގެން އަންނަން ކައިވެނި ހަފްލާއަށް ދަޢުވަތުކާޑު ފޮނުވާނަމެވެ."

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. "ސްމާޓް އަންހެނުން މާސްމާޓްވާނެއެވެ. އާދޭސްކުރަމުން ފަހަތަކުން ނުހިނގާނެއެވެ. ދެރަގޮތެއް ހަދާލައިފިނަމަ މާބާރަށް ކުރިއަށް ދެމިގަންނާނެއެވެ."

 

- ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން