ހުރިހާ ކަމަކީ ވީހާގިނަ ފައިސާ ހޯދުންކަމަށް ބަލައިގެން ތަނަވަސްކަން ހޯދި 2 ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ހުރިހާ ކަމަކީ ވީހާގިނަ ފައިސާ ހޯދުންކަމަށް ބަލައިގެން ތަނަވަސްކަން ހޯދި 2 ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

ކައިވެނިކުރުމަށްފަހު އެންމެންވެސް ފައިސާ ބޭނުންވާނެއެވެ. މިބުނަނީ ކުރިއަށްވުރެ އިތުރަށް ބޭނުންވާނެ ވާހަކައެކެވެ. އެކަމަކު ފައިސާ ހޯދަން މަސައްކަތްކުރަންއޮތީވެސް ކައިވެނީގެ ޙައްޤުތައް ގެއްލިގެންނުދާނެ ގޮތަށެވެ. ކައިވެނީގެ ޙައްޤުތައް ކަމަށް މިބުނަނީ އަނބިމީހާއަށް ލިބެންޖެހޭ ޙައްޤުތަކާއި ތިމާއަށް ލިބެންޖެހޭ އުފާވެރިކަމެކެވެ.  

ގިނަ ބައަކު މިކަމުގައި އިހްމާލުވެ އެންމެ މުހިންމު ކަމަކީ ވީހާގިނަ ފައިސާ ހޯދުންކަމަށް ދެކެގެން އަވަދިނެތި މަސައްކަތުގައި އުޅެއެވެ. އެއިގެ ތެރެއިން އަހުރެންނަށް އެނގޭ 2 މީހަކަށް ޖެހުނު ޙާލުގެ ވާހަކަ ކިޔައިދޭނަމެވެ.  

ދެމީހުންވެސް ވަރަށް ގިނައިރު މަސައްކަތްކޮށްގެން ވަރަށް ގިނަ ފައިސާ ހޯދައި ތަނަވަސް މީހުންނަށްވިއެވެ. އެތަނުން އެކެއްގެ ޢުމުރުން 45 އަހަރުވީއިރުވެސް އަނބިމީހާއަށް ވަޤުތު ނުދެވި، ދިރިއުޅުމުން ތިމާއަށް ލިބެންޖެހޭ އުފާވެރިކަންވެސް ނުހޯދި ހުއްޓައި އެއްރޭ މަސައްކަތުން ނިމިގެންދަންވަރު ގެއަށް އާދެވުނުއިރު އަނބިމީހާ އޮތީ މަރުވެފައެވެ.  

ފިރިމިހާއަށް އޭނާގެ ކުށްވިސްނުނެވެ. ވަރަށް ދެރަވިއެވެ. އަނބިމީހާ އާދޭސްކުރަމުން އައިއިރުވެސް އޭނާއަށް ވަޤުތުކޮޅެއް ނުދެވުނުތަކުގައި ހެޔޮލަފާ އަނބިމީހާގެ ކިބައިން ތިމާއަށްވެސް އުފާވެރިކަމެއް ނުހޯދިއުޅެނިކޮށް ވަކިވާންޖެހުނުކަމަށްޓަކައި ވަރަށް ހިތާމަކުރިއެވެ.  

ދެވަނަ މީހާގެ ޢުމުރުން 50 އަހަރުގައި ހަމައެގޮތަށް ދަންވަރުގެއަށް އާދެވުނުއިރު އަނބިމީހާ ބާއްވާފައި އޮތީ ނޯޓެކެވެ. "އަހުރެން ތިބާއާއި ކައިވެނިކުރީ އަހުރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އެކަމަކު ކައިވެންޏަށް 20 އަހަރުވީއިރުވެސް އަހުރެންގެ ގާތުގައި މަޑުކޮށްލާނެ ވަޤުތެއް ނުވެއެވެ. އެކުގައި ނިދަން އޮށޯވެވެނީ މަހަކު އެންމެރެއަކުއެވެ. ތިބާ ވަރަށް ގިނަ ފައިސާ އެއްކޮށްފީމެވެ. ފައިސާ ގިނަވުމަކުން ލިބޭ ހިތްހަމަޖެހުމެއް އަހުރެންނަކަށް ނެތެވެ. އެހެންވެ އަހުރެންގެ ޢުމުރުން ދެން ބާކީއޮތް ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބިގެން ދިރިއުޅެން ބޭނުންވާތީ އަހުރެން މިދަނީއެވެ. އަހުރެންގެ މައިންބަފައިންގެ ގާތަށެވެ. ތިބާގެ ވިސްނުން ބަދަލުކުރެވިއްޖެނަމަ 3 ދުވަސްތެރޭގައި ބަލައި އަންނާށެވެ. ނޫންނަމަ ވަރިކޮށްލައިދޭށެވެ. ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ރުޅިވެރިކަމެއް ނެތެވެ."

އޭނާއަށް އެހިސާބުން ކަންކަން ވިސްނި އަނބިމީހާގެ ގެއަށް އަނެއް ދުވަހު ގޮސް އަނބިމީހާއާއި ވާހަކަ ދައްކައިގެން ގެއަށް ގެނައެވެ. އެއީ އޭނާފަދަ ރަނގަޅު އަންތބަކު ދެން ލިބިދާނެކަމަށްވެސް ޤަބޫލުނުކުރެވޭތީއެވެ.  

އަހުރެން ބުނެލަން ބޭނުންވަނީ މިގޮތަށް ކަންކަން ނުކުރާށެވެ. ފައިސާ އިތުރުކުރަން މަސައްކަތްކުރަން އޮތީވެސް ވަކިގޮތަކަށެވެ. އަނބިމީހާއަށާއި ތިމާއަށް އުފަލާއި ހިތްހަމަޖެހުންވެސް ލިބޭނެ ގޮތަށެވެ. ނޫންނަމަ ކިތަންމެ ގިނަ ފައިސާތަކެއް ހޯދުނަސް ކުރާނެ ޙަޤީޤީ ފައިދާއެއް ނެތެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން