ވިލިމާލޭގައި 112 އެނދުގެ ޓަޝަރީ ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ޖުލައި ނުވަތަ އޮގަސްޓު ހިސާބުގައި ފެށޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ވިލިމާލޭގައި 112 އެނދުގެ ޓަޝަރީ ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ޖުލައި ނުވަތަ އޮގަސްޓު ހިސާބުގައި ފެށޭނެ: ވަޒީރު

ވިލިމާލޭގައި 112 އެނދުގެ ޓަޝަރީ ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖުލައި ނުވަތަ އޮގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ވިލިމާލޭގައި 300 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 12,890 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ވިލިމާލޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

"ވިލިމާލޭގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލު އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ޖުލައި ނުވަތަ އޮގަސްޓު ހިސާބު ފެށިގެންދާނެ،" ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

މި ހޮސްޕިޓަލް ފަރުމާކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އައުޓްޕޭޝަންޓް ޚިދުމަތާއި، ކުއްލި ފަރުވާގެ ޚިދުމަތްތަކުގެ އިތުރުން، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި މެޑިކަލް ވޯޑުތަކާއި އިދާރީ އޮފީސްތައް މި އިމާރާތުގައި ހިމެނޭނެއެވެ.

ވިލިމާލޭގައި ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި އިޢުލާނުކުރެއްވި މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢު ނިމުމުން ވިލިމާލޭގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން