މި އަހަރު ބާއްވާ ޤައުމީ ޤުރްއާން މުބާރާތުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުބާރާތުގެ އާ ޤަވާއިދު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު އާންމުކޮށްފިއެވެ. މި ބަދަލުތަކަކީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، މުބާރާތުގެ ވާދަވެރިކަން އިތުރުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ގެނައި ބަދަލުތަކެއް ކަމަށް އެ މަރުކަޒުން ބުނެއެވެ.
އާ ޤަވާއިދުގެ ދަށުން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. މީގެ ކުރިން މުއައްސަސާތަކާއި ސްކޫލްތަކުން ބައިވެރިވީ ނަމަވެސް، މި އަހަރުން ފެށިގެން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ފަރުދީ ގޮތުންނެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަން ބުރު، ސެމީ ފައިނަލް ބުރު އަދި ފައިނަލް ބުރު އެވެ.
އޮޑިޝަން ބުރު ކުރިއަށްދާނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައެވެ. ސެމީ ފައިނަލަށް ހޮވޭނީ އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. ފައިނަލް ބުރަށް ހޮވޭނީ ސެމީ ފައިނަލުން 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުން މާލެ އަންނަ ބައިވެރިންނަށް އެލަވަންސެއް ދިނުމަށް ވެސް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. މުބާރާތުގައި ޖުމްލަ 9 އުމުރުފުރާއަކުން ބައިވެރިން ވާދަކުރާނެއެވެ. އެއީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 20 އަހަރުން ދަށް، 26 އަހަރުން ދަށް އަދި ޙާފިޡުންގެ ބައެވެ.
ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން، ނުބަލައި އަދި ޙާފިޡުންގެ ބައިން އެންމެ މަތީ ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. "ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ،" ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، މި އަހަރުގެ ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.