ތިލަފުށީގައި "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ" އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ތިލަފުށީގައި "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ" އިތުރުކޮށްފި

ތިލަފުށީގައި ގާއިމްކޮށްފައިވާ ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ ނުވަތަ "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ" އިތުރުކޮށް، އެ ސަރަހައްދުގެ އޮޕަރޭޝަންތައް ފުޅާކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ތިލަފުށީގައި ގާއިމްކުރެވުނު މި ޑީޕޯގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުން ކަމަށެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ ގެ ކޮންޓެއިނަރު އެބަހުރި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. ނަމަވެސް އެމްޕީއެލްއިން ފާހަގަކުރާ ގޮތުގައި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުއްޓަށް މުޅި ބަނދަރު ބަދަލުކުރެވުމުންނެވެ.

ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ ފޭސް-1 ގެ ޑިޒައިން އާއި ސާވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ. އެމްޕީއެލްއިން ބުނީ ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސާވޭތައް މިހާރު ވަނީ ތާވަލަށްވުރެ އަވަހަށް ނިންމާލާފައެވެ.

މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސާވޭގެ މަސައްކަތްތައް ކަމަށާއި، މީގެ އިތުރުން ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ހީވާގީކަމާއެކު ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއަދު އޮންލައިން