ށ. ފުށިފަރު ޙަލާލު ޓޫރިޒަމް ތަރައްޤީކުރާ ރަށްރަށުގެ ލިސްޓުގައި ހިމަނައި، އެ ރަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން ނެރުނު ބީލަން ފޮތުގެ ފުރަތަމަ އިސްލާހުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.
ޙަލާލު ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް ށ. ފުށިފަރުގެ އިތުރުން އިތުރު ތިން ސަރަހައްދެއް ވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. މަކުނުދޫ، ލ. ފޮނަގާދޫ އަދި ސ. ދޮންހެރަ އެވެ.
މި ރަށްރަށުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓުތައް ތަރައްޤީކުރުމަށް ދޫކުރާނީ ގިނަ ލުއިތަކަކާއެކު ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. "އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްރަށަށް އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ،" އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ރަށްރަށުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 އާ ހަމައަށް މައާފްކުރެވޭ ގޮތަށް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މިއީ ރާއްޖޭގައި ޙަލާލު ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.