514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ބަންކަރިން ޚިދުމަތުން ލިބިއްޖެ: އެސްޓީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ބަންކަރިން ޚިދުމަތުން ލިބިއްޖެ: އެސްޓީއޯ

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް 514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އޮފްޝޯކޮށް ފެށި މި ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 55,000 މެޓްރިކް ޓަނުގެ ތެޔޮ މި ޚިދުމަތުގެ ދަށުން ދައުރުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބަންކަރިން ޚިދުމަތުން ލިބުނު 514 މިލިޔަން ރުފިޔާގެ އާމްދަނީގެ އިތުރުން، ޓެކުހުގެ ގޮތުގައި އެކަނިވެސް 47 މިލިޔަން ރުފިޔާ ދައުލަތަށް ދައްކާފައިވެއެވެ. މި ޚިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި "ލޯ ސަލްފަރ އޮއިލް" އިންނެވެ.

ވަޒީރު މުޙައްމަދު ސަޢީދު އިތުރަށް ވިދާޅުވީ، ބަންކަރިން ޚިދުމަތަށް ބޭނުންވާ ސްޓޯރޭޖް ފެސިލިޓީއެއް ބިންހިއްކައިގެން ޤާއިމްކުރެވިއްޖެނަމަ، މިހާރު ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު އޮތް ކަމަށެވެ. މިއީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ އިޤްތިޞާދީ މަޝްރޫޢެކެވެ.

ބަންކަރިން ޚިދުމަތް ފެށި ފަހުން މަހުން މަހަށް ޚިދުމަތް ހޯދާ މިންވަރު އިތުރުވަމުންދާކަން އެސްޓީއޯއިން ފާހަގަކުރެއެވެ. މި ޚިދުމަތަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށްގެން ދޭ ޚިދުމަތެކެވެ.

މިއަދު އޮންލައިން