ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުން ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުން ލިބިއްޖެ

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 9.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 7.7 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 4.0 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 10.8 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ)ގެ ގޮތުގައި ލިބުނު 2.9 ބިލިޔަން ރުފިޔާ އާއި، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 1.1 ބިލިޔަން ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން އެ ދާއިރާއިން ލިބުނު އާމްދަނީ 24.8 އިންސައްތަ އިތުރުވެ، 2.2 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.

މިއަދު އޮންލައިން