މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއެކު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބައިނަލްއަޤުވާމީ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. މިގޮތުން ދެފަރާތުން ގުޅިގެން މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ރާއްޖޭގެ އިޤުތިޞާދުގައި ހަރަކާތްތެރިވާ އެކި އެކި ސިނާއަތްތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ދާއިމީ ޙައްލުތަކެއް ހޯދުމަށް ސިލްސިލާ މަޝްވަރާތައް ކުރިއަށްދާކަންވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގަށާއި ލޮޖިސްޓިކްސްއަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ކުރަމުންދާ މި ދަނޑިވަޅުގައި، މިފަދަ މަޝްވަރާތަކަކީ ސިނާއަތުގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.