އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ އަންހެން ކުދިންނަށް ހާއްސަ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ އަންހެން ކުދިންނަށް ހާއްސަ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ މިނާބުގައި ހިންގަމުން އައި އަންހެން ކުދިންނަށް ހާއްސަ ސްކޫލަކަށް ދިން ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރާއްޖެއިން ބުނެފައިވަނީ މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަނުގެ ތެރެއިން ކުރިއަށް ގެންދިޔަ ކުއްލި ބައްދަލުވުމުގައި، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ ބަޔާނެއް އިއްވަވާފައެވެ.

މި ބަޔާނުގައި ޑރ. ސަލްމާ ވިދާޅުވީ 168 ކުޑަކުދިން މަރާލި މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑރ. ސަލްމާގެ ބަޔާނުގައި އިސްރާއީލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާ، ސްޓޭޓް ޓެރަރިޒަމަށް ހިތްވަރުދޭ ދައުލަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްކުރުމަށް މަސައްކަތް ކުރަމުންދަނީ އެ ދައުލަތުން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އިސްރާއީލުން މިފަދަ ލާއިންސާނީ އަމަލުތައް އިތުރުކުރަމުންދަނީ އެ ދައުލަތާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށާއި، އެކަމަށް ނިމުމެއް އަންނަންޖެހޭ ކަމަށް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން ވަނީ މި ހަމަލާތަކުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. ބަޔާން ނިންމަވާލައްވަމުން ރާއްޖެއިން ވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން