މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 634 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ދޫކުރި 634 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 537 މިލިޔަން ރުފިޔާއެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. އެގޮތުން 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރުވެސް 2.2 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުގެ ހިންގުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއެވެ.