ލާމަރުކަޒީ ނިޒާމު ބާރުވެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކައުންސިލްތައް ހަރުދަނާވާނެ: ވަޒީރު އާދަމް ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ލާމަރުކަޒީ ނިޒާމު ބާރުވެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކައުންސިލްތައް ހަރުދަނާވާނެ: ވަޒީރު އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކައުންސިލްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ގެންގުޅުއްވާ ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން މިހާރު ކުރެވެމުންދާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބައުވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް އައު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުންނާއި ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރުގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.

މިއަދު އޮންލައިން