ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއާއެކު 24 މާރިޗު 2024 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމާއެކު، އެ ފްލެޓުތަކުގެ މެއިންޓެނެންސްގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެޗްޑީސީންނެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފްލެޓުތަކުގެ މެއިންޓެނެންސް މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރުމާ ގުޅިގެން، ފްލެޓުތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ، މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސްގެ އެކި މައްސަލަތައް ހައްލުކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.