ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރާނެ ކަމަށްބުނެ ލަނޑުދޭން ދެވިހިފާފަހުރި މީހަކަށް ޢުމުރަށް އެކަމުގެ އުފަލުން މަޙްރޫމްވާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރާނެ ކަމަށްބުނެ ލަނޑުދޭން ދެވިހިފާފަހުރި މީހަކަށް ޢުމުރަށް އެކަމުގެ އުފަލުން މަޙްރޫމްވާންޖެހުނު ގޮތުގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. އޭނާގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރި އަންހެނެކެވެ. އެެހންވެ ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. އެހެންކަމާއިއެކުވެސް ވަރަށް ބޮޑު މައްސަލައެއް އޮވެއެވެ. އެއީ ފިރިމީހާގެ ހިތްނުފުރޭ މައްސަލައެވެ.  

ފިރިމީހާއަކީ ހިލޭ އަންހެނުންގެ ގާތަށް ގޮސް އުފާކުރަން ދެވިހިފާފައި ހުންނަ މީހެކެވެ. އަބަދުވެސް 2،3 ލޯބިވެރިން ގެންގުޅެއެވެ. ލޯބިވެރިން މާނަމިކުރަނީ ފާޙިޝް ކަންކަން ކުރަން ލޯބިވެރިންގެ ނަމުގައި ކުދިން ގެންގުޅޭ ވާހަކައެވެ.  

މިހެން އުޅުމުގެ ތެރޭގައި ބަލިވެއިނދެއްޖެނަމަ ދަރިފުޅު ވައްޓާލަން ފައިސާދީފައި އެހިސާބުން އެކުއްޖަކާއި ގުޅުންކަނޑާލައެވެ. އެކުދިން ކަންތައް ކުރާ ގޮތް ފަހުން ނުވެސް ބަލައެވެ. އޭނާ ބަލަނީ ފައިށާދޭ ހިސާބުން އެނިމުނީ ކަމަށެވެ.  

މިހެން އުޅުމުގެ ތެރޭގައި ވަރަށް ފަޤީރުކުއްޖަކާއި ކައިވެނިކުރާނެ ކަމަށްބުނެ ގުޅުން ހިންގަމުން ދަނިކޮށް ބަލިވެއިނުމުންވެސް ކަންތައްކުރީ ހަމައެގޮތަށެވެ. ފައިށާ ދީފައި ދަރިފުޅު ވައްޓާލަން ބުނުމުން އެކުއްޖާ ބުނީ "ކަލެއަށް ހަލާކުހުރި! ކަލޭގެ ކިބައިން މިފަދަ އަނިޔާއެއް އެހެން އަންހެނެކަށް ނުލިބޭނެ ގޮތް މިންވަރުކުރައްވަވާށި! އާމީން" މިފަދައިންނެވެ. މިޢިބާރާތްވާނީ އޭނާކުރި ދުޢާއަކަށެވެ.

އެއިގެ ދުވަސްކޮޅެއް ފަހުން ކަންތައް މެދުވެރިވީ ޚިޔާލަށްވެސް ނުގެނެވޭފަދަ ގޮތަކަށެވެ. އޭނާގެ ގުނަވަނުގެ ބާރުދިއައީއެވެ. ކުޑަކަމުދިއުން ނޫން އެއްވެސް ބޭނުމެއް ނުހިފެނީއެވެ. އޭނާ އެކަމަށް ފަރުވާކުރަން ނުދާ ޤައުމެއް، ނުކާ ބޭހެއް ހުރިކަމެއް ނުއެނގެއެވެ. އެކަމަކު ވީއެއްވެސް ކަމެއް ނެތެވެ.

އެއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ އެކުވެރި ދެމަފިރިންނެވެ. އެޙާލުގައި އޭނާ ހުންނަތާ މިހާރު 5 އަހަރުވަރުވެދާނެއެވެ. އަނބިމީހާގެ ރަނގަޅުކަމުން އަދި އިނީ ކެތްތެރިވެގެންނެވެ.   

އަޅުގަނޑު ބުނެލަން ބޭނުންވަނީ ކައިވެނިކުރާނެ ކަމަށްބުނެ އަންހެންކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނަ މީހުންނަށް މިއީ ޢިބްރަތަކަށްވާނެ ޙާދިސާއެކެވެ. އަނިޔާ ލިބޭ އަންހެނުންގެ ދުޢާއިން މެދުވެރިވާނީ ކޮން މުޞީބާތެއް ކަމެއް ނުއެނގޭނެއެވެ. އެއަށްވުރެވެސް ބޮޑަށް ބިރުގަންނަންވީ ކުރެވޭ ބޮޑު ފާފައާއިމެދުގައެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެތީއެވެ.

 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން