ޢިބްރަތްތެރި ވާހަކަ: ފިރިމީހާއަށް "އަޅުކަންކުރަމުން ދަނިކޮށް" ނިކަމެތިކޮށްލެވުނު އަންހެނަކަށް މަގުމަތިވާން ޖެހުމުން މާރަނގަޅު، މާތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާއަށް "އަޅުކަންކުރަމުން ދަނިކޮށް" ނިކަމެތިކޮށްލެވުނު އަންހެނަކަށް މަގުމަތިވާން ޖެހުމުން މާރަނގަޅު، މާތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަހުރެންނަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް ނިކަމެތި އަންހެނަކީމެވެ. ހުރީ ހަމައެކަނި ފިރިމީހާއެވެ. އޭނާއަށް ޚިދުމަތްކުރަމުން ދިއައީ "އަޅުކަންކުރާ" ފަދައިންނެވެ. ކައިވެންޏަށް 3 ވަނަ އަހަރު އަންހެނަކު ގޮވައިގެން އައިސް ބުނީ ދަރިއަކު ލިބުން ލަސްވާތީ ދެވަނަ ކައިވެންޏެއް ކުރީކަމަށެވެ. އޮތީ ދެގޮތެއް ކަމަށެވެ. އެއްގޮތަކީ ދެމަފިރިންނަށް ޚިދުމަތްކުރަން އިނުން ކަމަށެވެ. ދެވަނަގޮތަކީ ވަރިވެގެން ދިއުން ކަމަށެވެ.  

ދާނެ ތަނެއް ނެތްކަން އެނގޭ ޙާލުގައިވެސް އިޚްތިޔާރުކުރީ ވަރިވެގެންދާށެވެ. އެއީ ދެމަފިރިންނަށް ޚިދުމަތްކުރަން ހުރެގެން ހިތަށް އަނިޔާކުރުމަށްވުރެ ސަލާންޖަހަން މަގުމަތީގައި އުޅުންވެސް މާއުފާވެރިވާނެކަމަށް ޤަބޫލުކުރެވޭތީއެވެ.

އެރޭގެ ފަތިސްނަމާދު ކުރީ މިސްކިތެއްގައެވެ. ފިރިހެނުންތައް ފައިބަންވާއިރަށް ސަލާންޖަހަން މަގުމަތީގައި ތިބި އަންހެނުންތަކުގެ ކިޔޫއަށްވަނީމެވެ. ކިޔޫގައި ހުއްޓައި މީހަކު އައިސް އަތުގައި ހިފާ ދަމާލުމުން ބަލައިލިއިރު ނުވެސްދަންނަ ފިރިހެނެކެވެ. ޙާލަތު ނިޔާކޮށްފައިވާ ގޮތުން ރުޅިއެއް ނުއަންނަމެވެ. ކިޔޫން ނުކުތީއެވެ.  

އޭނާ ބުނީ އަހުރެން ދަންނަ ކަމަށެވެ. ސްކޫލްއިރުންސުރެ ދަންނަ ކަމަށެވެ. އޭނާއާއިއެކު އެގެއަށް ގޮސްލައިދިނުމަށެވެ. އޭނާގެ ބަސް ޤަބޫލުކޮށް އެގެއަށް ދިއައިމެވެ. އެއިރު އޭނާގެ މަންމައާއި ބައްޕަ ތިބީ ނަމާދުކޮށްގެން ޤުރްއާން ކިޔަވާށެވެ. އެހިށާބުން ހިތްހަަމޖެހުން ލިބުނެވެ. ރަނގަޅު ޢާއިލާއެއްކަން އެނގުމުންނެވެ.  

އޭނާގެ މައިންބަފައިންނަށް އަހުރެން ތަޢާރަފްކޮށްދިނެވެ. ސްކޫލްއިރުގެ ރައްޓެއްސެއްގެ ގޮތުގައެވެ. މިވަޤުތު ދަތިޙާލެއްގައި ހުރުމުން ގޭގައި ބައިންދައިލަ ދިނުމަށް އެދުމުން ދެމަފިރިން އަހުރެންނަށް މަރުޙަބާ ކިޔެވެ.  

މަހެއްހައި ދުވަސްފަހުން އެނގުނީ އަހުރެން އިނީ ބަލިވެކަމެވެ. އެކަން އެނގުމުންވެސް އަހުރެންނަށް ކަމޭހިތައި އެގޭގައި ބެއިންދައިދިނެވެ. އެހީތެރިވެދިނެވެ. ވިހައިގަދަވުމުން އޭނާ އަހުރެންގެ ކައިވެންޏަށް އެދުމުން އުފަލުން ކައިވެނިކުރީމެވެ.  

ކައިވެންޏަށް ދުވަސްކޮޅެއްވީތަނާ އެއްރޭ އޭނާގެ އެކުވެރިންތަކެއް ގެއަށް ގެނައެވެ. އެއިގެ ތެރޭގައި ކުރީގެ ފިރިމީހާ ހިމެނެއެވެ. އެނގުނު ކަމަކަށް ނުހަދަމެވެ. އެމީހުންނަށް ޚިދުމަތްކުރަން އުޅުނީމެވެ.  

ފިރިމީހާ އެކުވެރިންނާ ވާހަކަދައްކަމުން ގޮސް އަހުރެންގެ ވާހަކަވެސް ކިޔައިދިނެވެ. ކިޔައިދިނީ ފިރިމީހާއަށް ވަރަށް އަސަރުކުރާނެ ގޮތަށެވެ. "އަނބިމީހާއަކީ ވަރަށް ނިކަމެތި ޙާލުގައި ހުއްޓައި ލިބުނު ޖަވާހިރެކެވެ. ގެއަށް ގެނައީ ސްކޫލްއިރުގެ އެކުވެރިއަކަށްވާތީ އެހީތެރިވުމަށެވެ. އެއިރު އިނީވެސް ބަލިވެކަން އެނގުނީވެސް ގެއަށް ގެނައި ފަހުންނެވެ. ވަރަށް ރިވެތި ގޮތުގައި ދެއެކުވެރިން ފަދައިން އުޅެމުން އައިސް ވިހައި ގަދަވުމުން ކައިވެނިކުރީއެވެ. އަހުރެންގެ އަނބިމީހާ ފަދަ ރަނގަޅު އަންހެނަކު ވަރަށް މަދުވާނެއެވެ. އެހެންވެ މިއުޅެނީ ވަރަށް އުފަލުގައެވެ. މިހުރިހާ އެއްޗެތި ކެއްކީވެސް އަނބިމީހާއެވެ."  

ކައިނިމިގެން އެންމެން ދިއުމުން ނިދަން އޮށޯވެފައި ފިރިމީހާ ބުންޏެވެ. "ކުރީގެ ފިރިމީހާއަށް ދަޢުވަތުދެވުނީ ވިސްނައި ނުލައެވެ. ވިސްނުނީ ދަޢުވަތު ދެވުނު ފަހުންނެވެ. އެހެންވެ ދަޢުވަތު އަނބުރާ ނުގެނައީއެވެ. އެކަމަށް މާފުކުރާށެވެ!"  

އަހުރެން ބުނީމެވެ. "ދަރިއަކު ނުލިބި ލަސްވެގެން ނިކަމެތިކޮށްލި އަނބިމީހާއަށް އޭނާއަށްވުރެ ތަނަވަސް، އޭނާއަށްވުރެ ބޮޑަށް ލޯބިވާ ފިރިއަކު ލިބުނުކަން އަންގައިދިންކަމަށްޓަކާ ޝުކުރުވެރިވަމެވެ. ދަރިފުޅު ދެކެން ތިބާ ގޭގައި ނުއުޅޭ ވަޤުތުތަކުގައި ގެއަށް ނުއަންނާނެ ގޮތެއް ހަދައިދީފިނަމަ ޝުކުރުވެރިވާނަމެވެ. އެނޫން އެއްވެސް މައްސަލައެއް ނެތެވެ."  

ފިރިމީހާ ބުނީ އެކަވެނި ދެމިއޮތީ 3 މަސްދުވަހު ކަމަށެވެ. ފިރިމީހާގެ އަތުން ބޮޑުވައްކަމެއްކޮށްގެން ފިލީ ކަމަށެވެ. އަހުރެން ބުނީ ތިއަ ކަންކަން އެނެގެންވެސް ބޭނުންނުވާ ކަމަށެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. ހެޔޮލަފާ އަނބިންނަށް ދެރައެއް ދެވޭނެކަމަށް ނުވިސްނާށެވެ. ދެރައެއްދީފިނަމަ އޭނާއަށް ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. އަދި އެމީހަކަށް ހިތާމަކުރަން ނުޖެހިވެސް ނުދާނެއެވެ.

 

- ސައިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން