ފިރިން ދަސްކުރަންޖެހޭ ފިލާވަޅެއް!: ރަނގަޅު ހެޔޮލަފާ މައިދައިތައިން ނިކަމެތިކުރަނީ ފިރިމީހާދެކެ ލޯބިނުވާ އަނބިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ފިރިން ދަސްކުރަންޖެހޭ ފިލާވަޅެއް!: ރަނގަޅު ހެޔޮލަފާ މައިދައިތައިން ނިކަމެތިކުރަނީ ފިރިމީހާދެކެ ލޯބިނުވާ އަނބިން!

މިއީ ފިރިހެން ދަރިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. އަނބިމީހާ ތިމާގެ މަންމަ ނިކަމެތިކުރާނަމަ އެކަމަށް ފުރުޞަތުދީގެން ނުވާނެއެވެ. ނަމަވެސް ގިނަ ފަހަރު ދަރިފުޅަށް ކަންބޮޑުވެވެނީ އަނބިމީހާއަށް ނިކަމެތިކަމެއް ލިބޭނަމައެވެ. ހެޔޮލަފާ މަންމައާއިމެދު އޮންނަނީ ވިސްނައިނުލެވިފައެވެ. 

ބަލަންވީ މަންމައަށް ނުވަތަ އަނބިމީހާއަކަށްވެސް ނޫނެވެ. ޙައްޤުގައި ހުރީ ކާކުތޯއެވެ. ޒިންމާދާރުވުމަކީ އެއީއެވެ. އަނބިމީހާއަށްޓަކައި މަންމަ ޤުރްބާންކުރުމެއް ނެތެވެ. އަދި މަންމައަށްޓަކައި އަނބިމީހާ ޤުރްބާންކުރުމެއްވެސް ނެތެވެ. އޮތީ އިންޞާފްވެރިވުމެވެ.  

ދިރިއުޅުމުގައި އެންމެންނަށް ކުރިމަތިވާނީ އެއް ޙާލަތެއް ނޫނެވެ. ތަފާތު ޙާލަތުވެސް ކުރިމަތިވާނެއެވެ. މިޙާދިސާއަކީވެސް ޢިބްރަތްތެރި ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ވާހަކައެކެވެ.  

ވިދާޅުވެލައްވާށެވެ!  

އަޅުގަނޑަކީ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވާ އަންހެނަކީމެވެ. ނަމަވެސް މައިންބަފައިންގެ ކިބައިން ކުޑަބިންކޮޅެއް ލިބިފައި އޮތުމުން މީހުންނަށް ސަލާންޖެހުމުގެ ބަދަލުގައި މަސައްކަތްކޮށްދީގެން ދިރިއުޅެމުން އައި އަންހެނަކީމެވެ.  

ޢުމުރުން 20 އަހަރުގައި ބައްދަލުވި ހަމަ އަޅުގަނޑު ފަދަ ފިރިހެނަކާއި ކައިވެނިކުރީމެވެ. ދިރިއުޅެމުން އައީވެސް ހަމަ ވަރަށް އުފަލުގައެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. އެދަރިފުޅަށް 4 އަހަރު ނުވަނީސް ފިރިމީހާ ނިޔާވެއްޖެއެވެ. ވީމާ އެއިރު އަޅުގަނޑުގެ އުމުރަކީ 27 އަހަރެވެ.  

އެހެންކަމާއިއެކުވެސް އިތުރު ކައިވެންޏެއް ނުކުރަމެވެ. ދަރިފުޅު ބަލަހައްޓަމުން ދިއައީ ކުރިއެކޭ އެއްފަދައިން ގޭގޭގައި މަސައްކަތްކޮށްދީގެންނެވެ. އިތުރު ކައިވެންޏެއް ނުކުރީ ދަރިފުޅަށް ނުބައި ދޮންބައްޕައެއް ހޯދައިދެވިދާނެތީ ގަތް ބިރަކުންނެވެ.  

އެގޮތް މިގޮތުން ލާރި ހޯދައިގެން ކިޔަވައިދީ ދަރިފުޅު ސްކޫލުންނިމި ވަޒީފާއެއް ހޯދައިފިއެވެ. ކައިވެނިވެސް ކޮށްފިއެވެ. ގެއަށް އަނބިމީހާ ގެނެސްފިއެވެ. އޭނާ އަޅުގަނޑާއިމެދު ކަންކަން ކުރަނީ ގޭގައި ގެންގުޅޭ ނޯކަރަކާއިމެދު ކަންކަންކުރާ އުޞޫލުންނެވެ. އިރުން އިރަށް ކައްކައި ނުދެވިއްޖެނަމަ އެއްޗެތި ގޮވައެވެ. ގޭތެރެ ސާފުކުރުމުގައި ކިރިޔާ ލަސްވެލި ނަމަވެސް އެއްޗެތި ގޮވައެވެ. ކީއްހެއްޔެވެ؟ ޢަޞްރު ނަމާދަށްފަހު ޛިކުރުކުރަން މަޑުކޮށްލި ނަމަވެސް ހަވީރު ސައިނުހެދިގެން އެއްޗެތި ގޮވައެވެ.  

މިކަންކަން ދަރިފުޅަށް އެނގޭއިރުވެސް ބަހެއް ބުނާކަށް ނުކެރެއެވެ. ވީމާ އަނބިމިހާ ދެކެ ލޯބިވާވަރު ނުވަތަ ދަށުވެފައިހުރިވަރު އެނގެއެވެ.  

އެގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް އަޅުގަނޑުގެ އުމުރުން 50 އަހަރުވާން ކައިރިވެފައި ހުއްޓާ ބައްދަލުވި ފިރިހެނަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވިއެވެ. އަޅުގަނޑު ބަލިވިނަމަވެސް ދަރިފުޅުގެ އެހީތެރިކަން ނުލިބޭނެކަން ޔަޤީންވާތީ އަޅުގަނޑު އެއިރު ހުރީ އެހީތެރިއަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެހެންވެ އޭނާ އާއި ކައިވެނިކުރީމެވެ.

އޭނާ ގެއަށް ގެނެސް ދިރިއުޅެން ފެށުމުންވެސް އެދަރިފުޅުގެ ވިސްނުން ބަދަލެއް ނުވިއެވެ. ކަންކަންކުރަނީ ހަމައެއް ގޮތަކަށެވެ. ރޭގަނޑު ނުކެއްކި ތަންކޮޅެއް ލަސްވެލީ ރެއަކު އެއްޗެތި ގޮވަން ފެށުމުން ފިރިމީހާއަށް ކެތްނުކުރެވިގެން ބުންޏެވެ. "އަހަރެންގެ އަނބިމީހާއަކީ ކަލޭމެންގެ ނޯކަރެއް ނޫނެވެ. އޭނާ މިއަދު އެހުރީ ގައިބާރު ދެރަވެފައެވެ. އޭނާއަށް މުހިންމީ ކައްކާފައި ކަލޭމެންނަށް ކާން ދިނުމެއް ނޫނެވެ. އަޅުކަންކުރުމެވެ. ހަޤީޤަތުގައި ކައްކާފައި އޭނާއަށް ކާންދޭންވީ ކަލޭމެންނެވެ. ވީމާ ދެން މީގެ ފަހުން އަމިއްލައަށް ކައްކައިގެންކާށެވެ. އަހަރެމެން އަމިއްލައަށް ކައްކައިގެން ކާނަމެވެ. އުނދުންވެސް ގަންނާށެވެ. ތެލިތަށިވެސް ގަނެ ވަކިކުރާށެވެ. އެއިރުން ތިއަގޮތަށް ރުޅިގަދަވެގެން އުޅޭކަށް ނުޖެހޭނެއެވެ."  

ނަތީޖާއަކަށްވީ ދެމަފިރިން ގެއިން ނުކުމެގެން ދިއުމެވެ. އެކަމަށްވެސް ކެތްތެރިވީމެވެ. އެއްވެސް ބަހެއް ނުބުނަމެވެ. ދުވަސްކޮޅެއް ފަހުން ދަރިއަކު ލިބުނުކަން އެނގުމުން ދެކެލަން ދިއުމުން ނުވެސް ދެއްކިއެވެ. ދޮރުން އެތެރެއަށްވެސް ނުވެއްދިއެވެ. އެދުވަހުވެސް ޝުކުރުކޮށްލާފައި އައީއެވެ. ބަހެއް ނުބުނަމެވެ.  

އެއިގެ 4 އަހަރު ފަހެވެ. ފެނުނީ ކުޑަ ދެކުދިން ގޮވައިގެން ދަރިފުޅު އައިސް ގެއަށް ވަންތަނެވެ. ބުނީ އަނބިމީހާ ދެ ދަރިންވެސް ދީފައި ވަރިވެގެން ހިނގައްޖެކަމަށެވެ. ތަނަވަސް މީހަކު ފެނުމުން ދިއައީ ކަމަށެވެ.  

އަޅުގަނޑު ދަރިފުޅަށް މަރުޙަބާކީމެވެ. އަދި ދަރިފުޅު މުސާރަދީގެން ދަރިން ބަލައިދޭނެ އަންހެނަކުވެސް ހޯދިއެވެ. އަޅުގަނޑަކަށް އެއްވެސް ބުރައެއް ނުޖައްސައެވެ. އެހެންކަމާއިއެކުވެސް ދެދަރިންގެ ކަންކަން ބަލަހައްޓަމުން ގެންދިއައީމެވެ.  

ދަރިން ބަލަން ދަރިފުޅު ހޯދީ ވަރަށް ނިކަމެތި އަންހެންކުއްޖެކެވެ. ވަރިކޮށްލުމުން އެކަނިވެރިވެފައި އިން އަންހެނެކެވެ.  ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނެކެވެ. ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެކެވެ. އެހެންވެ ދަރިފުޅަށް އޭނާ ކަމުގޮސްގެން އޭނާ އާއި ކައިވެނިކޮށްފިއެވެ. އޭނާ ދިރިއުޅެމުން އައީ އަޅުގަނޑަކީ ހަމަ އޭނާގެވެސް މަންމަ ކަމަށް ބަލައިގެންނެވެ. އެހެންވެ ދުވަހަކުވެސް ހިތްހަމަނުޖެހިގެން ބަހެއްވެސް ބުނާކަށް ނުޖެހެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާ މިކުރީ ގެއަށް ގެނެވޭ ދަރިންނަށް މައިން ގޯސްކަމުގެ ވާހަކަތައް ވަރަށް ގިނައިން ފެންނާތީއެވެ. ގޯސް މައިންވެސް ތިބޭނެއެވެ. ނަމަވެސް ހުރިހާ މައިންނަކީ ގޯސްމައިންނެއް ނޫނެވެ. ގޭގައި އިން މައިމީހާއަކީ މައިމީހާކަމަށް ޤަބޫލުކުރުމަކީ ބޭރުން އަންނަ ދަރިންގެ ކަމެކެވެ. އެކަންވެސް ޤަބޫލުކޮށްލާށެވެ! އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ.  

އަދި އެއްވާހަކަ ބުނެލާނަމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ގެއަށް ގެނެވުމުން މައިން އަޅުންނަށް ހަދާ އަންހެނުން އެކަން އެކުރަނީ ފިރިމީހާދެކެ ލޯބިނުވާތީއެވެ! ފިރިމީހާދެކެ ލޯބިވާނަމަ އޭނާގެ މައިމީހާ ދެކެވެސް ލޯބިވާނެއެވެ!  

ކޮންމެއަކަސް އަޅުގަނޑުގެ ޙަޔާތުގެ ތަޖުރިބާއަށް ބަލައި ބުނަން އޮތީ އާދޭސްކޮށްފައި ބުނަމެވެ. ކައިވެނިކުރުމުން ފިރިމީހާގެފަރާތުން ލިބުނު ނަމަވެސް މައިމީހާ އެއީ ހަމަ އަމިއްލަ މައިމީހާކަމަށް ދެކޭށެވެ! އަމިއްލަ މައިމީހާގެ ކިބައިގައިވެސް އުނިއެތައް ކަންތައްތަކެއް ހުންނާނެއެވެ. އަމިއްލަ މައިމީހާ އަޅައިނުލާ ދޫކޮށްލެވެނީއެވެ. ހަމަ އެފަދައިން ފިރިމީހާގެ މަންމަގެ ކިބައިގައިވެސް އުނިކަންތައްތައް ހުންނާނެއެވެ. ކުދިކުދި ކަންކަންވެސް މާބޮޑުކަންކަމުގެ ގޮތުގައި ފެންނަނީއެވެ. އެކަން ދެނެގެން ދިރިއުޅެން މަސައްކަތްކޮށްގެން ނޫނީ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ!

 

- ޒުލާޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން