މިއަދުނޫހުންވެސް ގިނައިން ފެންނަނީ ބައްޕަ ދަރިފުޅު ނުވަތަ ދަރިން ދޫކޮށްލާފައި ދިއުމަށްފަހު ދަރިފުޅުވެ ބޮޑުވެ ފައިސާ ހޯދަންފެށީމާ މާފަހުން އައިސް އެދަރިފުޅަށް އާދޭސްކުރާ ވާހަކަތަކެވެ. އެެހން އެވަނީ އެފަދަ ޙާދިސާތައް ގިނަވުމުން ކަމށްވެދާނެއެވެ. ބުނެލަން ބޭނުންވަނީ އެފަދަ މައިންވެސް ތިބޭ ކަމަށެވެ. މިކިޔައިދެނީ އެފަދަ މަންމައެއްގެ ވާހަކައެވެ.
ދެމަފިރިންގެ ހުރީ އެންމެ ދަރިއެކެވެ. އެއީ އަންހެން ދަރިއެކެވެ. ދަރިފުޅަށް 12 އަހަރުގައި އަނބިމީހާ ދެބަފައިން އެކަނި ދޫކޮށްލާފައި ތަނަވަސް މީހަކާއިއެކު ދިއައީ ފިރިމީހާ އާދޭސްކުރަމުން ދަނިކޮށެވެ. ދަރިފުޅު އާދޭސްކޮށް ރޮނިކޮށެވެ. ދަމުން ބުނީ "މިހާ ދަތިކޮށް އަބަދު ނުއުޅެވޭނެކަމަށާއި ދެބަފައިންކުރެ މީހަކާއި ދެން އަނގައިންބުނަންވެސް ބޭނުންނުވާ ކަމަށެވެ. ދެކެންވެސް ބޭނުންނުވާ ކަމަށެވެ." އެކަމުން ދަރިފުޅަށް ލިބުނު ހިތްދަތިކަން ދިގުލައިގެންދިއައެވެ. ނަމަވެސް އަރައިގަނެވުނެވެ. ބައްޕަގެ ވަރަށް ބޮޑު މަސައްކަތުންނެވެ.
ދަރިފުޅަށް 15 އަހަރުގައި ބައްޕައަށް ޚިޔާލެއް ދިނެވެ. ވަޒީފާގައި އުޅެމުންވެސް ލޯކަލްއިންވެސްޓްމަންޓެއް ރަޖިސްޓްރީކޮށް ކުދިކުދި މަސައްކަތް ހޯދައިގެން އަމިއްލައަށް މަސައްކަތްކުރަން ފެށުމަށެވެ. ދަރިފުޅު ބުނީ އެގޮތަށް މަސައްކަތްކުރަން ފެށި ބައްޕައަކަށް ތަނަވަސްކަން ލިބިފައިވާ ވާހަކަ ކުލާހުގެ ކުއްޖަކު ކިޔައިދިން ކަމަށެވެ.
ދަރިފުޅުގެ ޚިޔާލުގެ މައްޗަށް އެގޮތަށް މަސައްކަތްކުރަން ފެށިއެވެ. ފުރަތަމަ ކޮޅު ދުވާލު ވަޒީފާގައި އުޅެފައި އަމިއްލަަ މަސައްކަތް ކުރަނީ ރޭގަނޑުއެވެ. މަސައްކަތް ލިބެމުން އައިސް ގިނައިން މަސައްކަތްލިބެން ފެށުމުން މީހުންނަށް ބައެއް ދީގެން މަސައްކަތްކުރުވަނީއެވެ.
ދަރިފުޅުގެ ޢުމުރުން 20 އަހަރުވިއިރު ބައްޕައަކީ އަމިއްލަ ކުންފުންޏެއް ހިންގާ މީހެކެވެ. ދާއިމީ މުވައްޒިފުންގެ ގޮތުގައި ބިދޭސީ މަސައްކަތު މީހުންނާއިއެކު 100 ވަރަކަށް މުވައްޒިފުން ގެންގުޅެއެވެ. އިތުރަށް މުވައްޒިފުން ހޯދަނީ ދުވަހު މުސާރައަށެވެ.
ދަރިފުޅު ބޭނުންވީ މެޑިސިން ކިޔަވާށެވެ. ކިޔަވަން ފުރަން ހުރިހާ ކަމެއް ހަމަޖެހި ފުރަން ތައްޔާރުވެފައި ވަނިކޮށް އެއްރޭ މަންމަ ގެއަށް އައިސް ދެއްކީ އެގޮތަށް ކަންކަންކުރާ އެންމެންވެސް ދައްކާ ޒާތުގެ ވާހަކަތަކެވެ. ކުށެއް ކުރެވިއްޖެކަން މިހާރު ވިސްނޭ ކަމަށާއި މިއައީ ދަރިފުޅާއި ވަކިން އުޅެން އުދަގޫވެގެން ކަމަށްވެސް ބުންޏެވެ. މިފަދަ އެތައް ވާހަކަތަކެއް ދެއްކުމުން ދަރިފުޅު ބުންޏެވެ.
"އަހުރެން މަންމަ ކިޔަންޖެހޭ އަންހެނާ މިހާރުވެސް ތިއަހަދަނީ ބޮޑެތި ދޮގުތަކެވެ. ކައިވެނިކޮށްގެން އުޅުނީ ސޯފީގެ ބައްޕަ އާއި ނޫން ހެއްޔެވެ؟ ސޯފީގެ ބައްޕަ 30 އަހަރުގެ ކުއްޖަކާ ކައިވެނިކުރަންވެގެން ވަރިކޮށްލާފައި ގެއިން ނެރެލީ ނޫން ހެއްޔެވެ؟ ރޮއި ދެފައި މައްޗަށް ތިރިވެ އާދޭސްކުރަނިކޮށް ކޮށްޕައި ގަދަކަމުން ނެރެލީ ނޫން ހެއްޔެވެ؟ ދެން ގޮސް އުޅުނު ތަނެއްގައި އުޅޭތާ މަސްދުވަސްވީ ނޫންހެއްޔެވެ؟
މަންމަ މިކިޔަނީ ކިޔަންޖެހޭތީއެވެ. މަންމާއެވެ! މިގެއަކު މަންމައަކަށް އެއްވެސް ޖާގައެއް ނެތެވެ. ބައްޕަ އަހުރެންނަށްޓަކައި 3 އަހަރު އެކަނި ހުރެފައި އެހުރީ ކައިވެނިކޮށްގެންނެވެ. ދޮންމަންމަ އާއި ބައްޕައާއި އެއްވެސް މައްސަލައެއް ޖެހޭކަށް ބޭނުމެއް ނޫނެވެ. އަހުރެންނަށް އެންމެ މުހިންމުވީ ދުވަސްތަކުގައި އަހުރެންގެ އިމްތިޙާންތަކަށް ތައްޔާރުކުރުވަން ނިދިނަގާލާފައި ހޭލައި އިނީ އެދޮންމަންމައެވެ. ބައްޕަގެ މަސައްކަތް ފުޅައުކުރަން ބޭނުންވި ފައިސާ ބައްޕައަށް ހޯދައިދިނީ އެދޮންމަންމަގެ ބިންކޮޅު މޯގޭޖްކޮށްފައެވެ. މިހިރަ ކަންކަމަކީ ދުވަހަކުވެސް ހަނދާން ނައްތައިލެވޭނެ ކަންކަމެއް ނޫނެވެ.
އަހުރެމެންނަށް މަންމަ އެނިކަމެތިކަން ދިންނަނަމަވެސް މަންމަ ނިކަމެތިވާކަށް ބޭނުމެއް ނޫނެވެ. ކަމަކަށް ބޭނުންވާނަމަ ބައްޕަ ހޯދަން ނުއުޅެ ދޮންމަންމަގެ ގާތުގައި ބުނީމާ ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެއެވެ. އެކަމަކު ބައްޕައާއި ގުޅެންވެސް، މިގޭގައި އުޅެންވެސް ނުވިސްނާށެވެ" އެހެން ބުނެފައި އެތެރެއަށް ވަނީއެވެ. ބައްޕަ އާއި ދޮންމަންމަ ގޮސް ޓަކިޖެހުމުން ދޮރުވެސް ނުހުޅުވިއެވެ. މަންމައަށް ޖެހުނީ ވަންދޮރުން ނުކުމެގެންދާށެވެ.
މިހުރީވެސް ހަމަ ހިނގާފައި ހުރި ކަންކަމެވެ. ދަރިން ލިބުމުން ދަރިންނަށް ނުވިސްނައި ތިމާގެ އަމިއްލަ އުފާތައް ޙާޞިލުކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް ގިނަ ފަހަރަށް ކުރިމަތިވެފައި އޮންނާނީ މިފަދަ ގޮތްތަކެވެ.
- ވަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް