ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ދިނުމަށް ނިންމައިފި

ސަރުކާރުން އަލަށް ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ފޯރުކޮށްދޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދީ، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރު ވިލިމާލޭގައި ޚިދުމަތް ދިނުމަށް 5 ޓެކްސީ ބޭނުންކުރާނެ ކަމަށެވެ. މި ޓެކްސީތަކަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކަކަށް ވުމަކީ ވިލިމާލޭގެ މާޙައުލާ ގުޅޭ، އަދި އެ ރަށުގެ ތަރައްޤީއަށް ލިބޭނެ ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ 5 ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ޚިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީ ތަކަކަށްވާތީ މިރަށުގެ މާޙައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެކަމެއްކަމީ ޝައްކެއްއޮތްކަމެއްނޫން،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ތަޢާރަފްކުރާ މި ޓެކްސީ ލައިންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދިނުމެވެ. އަދި މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

މާލެއާއި ވިލިމާލޭގައި މި ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން