ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކުގެ ތެރެއިން އެޕާޓްމަންޓެއްގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ލޯންޑްރީގެ މަސައްކަތް ހުއްޓާލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
ވިނަރެސް ޓަވަރުތަކުގެ ތެރެއިން އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމަންޓްގެ ތެރޭގައި ގިނަ އަދަދެއްގެ ދޮންނަ މެޝިނާއި ހިއްކާ މެޝިން ބަހައްޓައިގެން ވިޔަފާރި އުސޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ވިދާޅުވީ، މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުޙަލާގައި، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެކަން ކުރާ ފަރާތަށް މިހާރު އަންގާފައިވާ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
ނަމަވެސް، އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ އެޕާޓްމަންޓެއްގައި މިފަދަ ވިޔަފާރިއެއް ކުރަމުންދިޔައީ ކޮން ބައެއްކަން އެ ކޯޕަރޭޝަނުން ހާމައެއް ނުކުރައްވައެވެ. ވިނަރެސް ފްލެޓްތަކަކީ ވަކި އުސޫލުތަކެއްގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަނަށް ވާއިރު، އެތަންތަނުގައި ހުއްދަނެތި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ.