ހއ. ތުރާކުނު ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެ މަރުކަޒަށް އިތުރުކުރި އައު ބައި ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ.
ތުރާކުނު ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މިކަމަށްޓަކައި މިއަދު ތުރާކުނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ތުރާކުނު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ އެ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި މުވައްޒަފުންގެ ކަންބޮޑުވުންތައް ވަޒީރު އޮޅުންފިލުއްވިއެވެ.
މީގެ އިތުރުން، ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަޒީރު ވަނީ މަރުކަޒުގެ އިސްވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި އައު އިމާރާތާއެކު ތުރާކުނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.