ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މަޑަވެލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ޝަރަފުވެރިކޮށްދެއްވައި، ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އާއި އެކި މުޢައްސަސާތަކުގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ. ފޭސް 1 ގެ ދަށުން 8.85 ހެކްޓަރުގެ ބިން ހިއްކުމާއި، 628.70 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 77.9 މިލިއަން ރުފިޔާ އަށް 390 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މަޝްރޫޢުގެ ފޭސް 2 ގެ ދަށުން 19.17 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި ބަޔަކީ 174.58 މިލިއަން ރުފިޔާ އަށް 400 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބައެކެވެ.
2,095 މީހުންގެ އާބާދީއެއް އޮންނަ މަޑަވެލީގައި ޒަމާނުއްސުރެ ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.