މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ގދ. މަޑަވެލީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒްގެ އިތުރުން މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ އާއި މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޑަވެލީގައި ޢިމާރާތްކުރާ މި 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭނެއެވެ. މިއީ އާއިލާތަކަށް ދިރިއުޅެން ފަސޭހަވާނެ ފަދަ ޒަމާނީ ފަރުމާއަކަށް ހެދުމަށް ހަމަޖެހިފައިވާ ތަންތަނެވެ.

މި މަޝްރޫޢުގެ މަސައްކަތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢު ނިމުމުން މަޑަވެލީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން