ގދ. ހޯނޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ހޯނޑެއްދޫގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އަދި އެމްޓީސީސީގެ އިސްވެރިންނާއި ރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ހޯނޑެއްދޫގެ 3.33 ކިލޯމީޓަރުގެ 7 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 93.06 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ހޯނޑެއްދޫގެ މަގުތައް މިހާރު އޮތް ގޮތުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. 1347 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި މިއަދު ފެށުނު މަޝްރޫޢު ނިމުމުން، ރަށުގެ ރައްޔިތުންނަށް ޒަމާނީ އަދި ރައްކާތެރި މަގުތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވާ އެމްޓީސީސީއަކީ 1980 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. މި މަޝްރޫޢުގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.