ހއ. މާރަންދޫ ސިއްޙީ މަރުކަޒުގައި އަލަށް ޤާއިމްކުރި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މާރަންދޫގައި މި ޚިދުމަތް ފަށާފައިވަނީ މި ސަރުކާރުން ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުންނެވެ. މިއީ މި މަޝްރޫޢުގެ ދަށުން ޚިދުމަތް ދޭން ފެށި 14 ވަނަ ލެބޯޓަރީ ކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މާރަންދޫ ސިއްޙީ މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރުގެ އިތުރުން، ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، މާރަންދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން ސިއްޙީ މަރުކަޒުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ މާރަންދޫ ސިއްޙީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަރުކަޒުގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ސިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މާރަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން ލެބޯޓަރީގެ ޓެސްޓުތައް ހެދުމަށް އެ ރަށުގެ ރައްޔިތުންނަށް ޖެހެނީ އެހެން ރަށްރަށަށް ދަތުރުކުރާށެވެ.