ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ރައީސްގެ ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ރައީސްގެ ތަޢުޒިޔާ ވިދާޅުވެއްޖެ

އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށާއި އައްޑޫގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވީއިރު އުމުރުފުޅަކީ 92 އަހަރެވެ.

މަރުޙޫމް އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަހުމަދު ސޯލިހު އަލިދީދީއަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިވެހި ދައުލަތަށާއި، ހާއްސަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އެ އާއިލާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، މަރުޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ. އަހުމަދު ސޯލިހު އަލިދީދީއަކީ ދިވެހި ދައުލަތަށް 45 އަހަރުގެ ދިގު މުއްދަތެއްގައި މެދުނުކެނޑި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އައްޑޫ ސިޓީ ހިތަދޫ ފެހިވިލާގެ، އަޙުމަދު ޞާލިޙް އަލިދީދީއަކީ އައްޑޫގެ ފަސްގަނޑުގައި އުފެދުނު ފަންނުވެރި އަދި ހިދުމަތްތެރި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށް ފަހު، ހިތަދޫ މަސްޖިދުއްތަގުވާ (ހުސައިން މޫސާ މިސްކިތް) ގައެވެ.

މިއަދު އޮންލައިން