ގާނޫނުއަސާސީއަށް ގެންނަ ބަދަލުން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ބާރުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ބާ ކައުންސިލުން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑުތަކަކީ، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަތައް ހިމެނޭ މާއްދާތައް ކަމަށެވެ. މީގެ ތެރޭގައި ރައްޔިތުން އިންތިޚާބުކޮށްގެން މަގާމުތަކަށް ވެރިން އައްޔަންކުރުމަށް ރައްޔިތުންނަށް އޮންނަ ބާރު ބަންޑާރަނައިބު ވަނީ ހާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.
އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އިންތިހާބީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ކުރިއެކޭވެސް އެއްގޮތަށް އޮންނާނީ ރައްޔިތުންގެ ކިބައިގައިކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
އުޝާމް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ބަދަލު އަންނަނީ އިންތިހާބުތައް މިހާރު ބާއްވަމުން އަންނަ އުސޫލުތަކަށެވެ. "ގާނޫނުއަސާސީއަށް ގެންނަ އިސްލާހުން ބަދަލު އަންނަނީ އިންތިހާބީ އޮނިގަނޑަށް" ބަންޑާރަނައިބު ވިދާޅުވިއެވެ.
މި ބަދަލާއެކުވެސް ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހާ އަސާސީ ހައްގުތައް އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަނީ ދެއްވާފައެވެ.