ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ފަރެސްމާތޮޑާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ޝަރަފުވެރިކޮށްދެއްވައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒުގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ދުއްވާ ސަރަހައްދުތައް ޤާއިމުކޮށް މަގުބައްތި ހަރުކުރުން ހިމެނެއެވެ. މިއީ ޖުމްލަ 255.21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 1140 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ މަސްވެރިކަމުގެ އިތުރުން، ހުވަދޫ އަތޮޅުގެ އެއާޕޯޓެއް އޮންނަ ރަށަކަށް ވުމުން މަގުތައް ބޭނުންކުރާ މިންވަރު ނިސްބަތުން އިތުރެވެ. މިހާރު މަގުތައް އޮތް ގޮތުން ވިއްސާރަ މޫސުމުގައި ޗަކަ ހެދި، ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް މި މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ޒަމާނީ އަދި ރައްކާތެރި މަގުތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން