ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ފެށުމަށް ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް އެވެ.
މި ތިން މަޝްރޫޢުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 142.6 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ސަބަބުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ 226.18 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމްޓީސީސީން ބުނީ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވަނީ 780 ދުވަހުގެ މުއްދަތެއް ކަމަށެވެ. މި މަޝްރޫޢުތަކަކީ ފަރެސްމާތޮޑާގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.