ހއ. އުތީމު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އުތީމުގައި ފައްޓަވައިދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.
މިއީ މި ސަރުކާރުން ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން ޚިދުމަތް ދޭން ފެށި 15 ވަނަ ލެބޯޓަރީއެވެ. މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރުގެ އިތުރުން، ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، އުތީމު ކައުންސިލްގެ މެންބަރުންނާއި، ސިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން މި ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ޚިދުމަތުގެ ސަބަބުން ރަށުން ބޭރަށް ނުގޮސް ބަލިތައް ދުރާލާ ދެނެގަތުމުގެ ފުރުޞަތު އުތީމު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި، ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ބަލިތަކަށް ފަރުވާ ހޯދުމުގައާއި ބަލިތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް ސިއްޙީ ވުޒާރާއިން ދެކެއެވެ.