ސަރުކާރުގެ ވިސްނުމަކީ ގިރާވަރުފަޅުން ވީހާވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސަރުކާރުގެ ވިސްނުމަކީ ގިރާވަރުފަޅުން ވީހާވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުން: ވަޒީރު

ސަރުކާރުގެ ވިސްނުމަކީ ގިރާވަރުފަޅުން ވީހާވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ މިންވަރަށް ބިން ނެތުމާއެކު، އިތުރަށް ބިން ހިއްކައިގެން ގޯތި ލިބިފައިވާ އެންމެނަށް އެ ފަޅުން ބިން ލިބޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދިނުމަށް ކުރިން ހަދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އަރބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ.

އެ ޕްލޭނަށް ބަދަލުތަކެއް ގެނައި ނަމަވެސް، އެއީ ސަރުކާރުން އެންމެ ބޭނުންވާ ފެންވަރުގެ ޕްލޭނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ގިރާވަރުފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ފަރާތްތަކަށް އެއްބަސްވުމާ އެއްގޮތަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ބިން ހިއްކައި ނިމުމުން ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. "ވީހާވެސް އަވަހަކަށް 3 ހަފްތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގޯތިތައް ހަވާލުކުރުމާ އެކުއެކީގައި އެ ސަރަހައްދުގެ ފެނާއި ނަރުދަމާ، ކަރަންޓު ވިއުގަ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިވަގުތުގެ މައިގަނޑު ފޯކަސްއަކީ ގޯތި ލިބޭ ފަރާތްތަކަށް ބިން ކަނޑައަޅައި ހަވާލުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބިން ހިއްކައި ނިމުމާއެކު ގޯތިތަކުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި، ރަޖިސްޓްރީ ކުރެވޭ މިންވަރަކުން ސާވޭކޮށް ބިން ހަވާލުކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން