ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޒުވާނުންނާއެކު ބޭއްވި 'އެސްޕްރެސޯ ވިތު ރައީސް' ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަކީ މިވަގުތު މަޝްވަރާ ކުރެވެމުންދާ ކަމަކަށްވާތީ، މިކަމުގައި ރައްޔިތުންނާއި، ޚާއްސަކޮށް ޒުވާނުންގެ ވިސްނުން ހުރިގޮތް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިގޮތަށް ގޮނޑިތައް ކަނޑައެޅިއްޖެ ނަމަ، މިއީ ޤައުމުގެ ކަންކަން ނިންމުމުގެ އެންމެ މުހިއްމު މުޢައްސަސާގެ ތެރެއިން އަންހެނުންނާއި ޒުވާނުން ބާރުވެރިވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމުގައި އެމަނިކުފާނުގެ އަމިއްލަ ޚިޔާލުފުޅު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ ޖުމްލަ ގޮނޑީގެ 20 އިންސައްތަ އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ ކޮންމެ ދާއިރާއަކަށް 10 އިންސައްތަ އެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 އިންސައްތަ. 10 އިންސައްތަ އަންހެން ބޭފުޅުންނަށް. މިހާރުގެ މަޖިލީހުގައި 93 މެންބަރުން އެބަތިބި. އަޅުގަނޑުގެ ރިފޯމް ޕްރޮސެސް ތެރޭ އެއަދަދު އިތުރުނުވާ ގޮތް ހަދަންވެސް ގަސްތުކުރަން. މިހާރު މިއޮތީ 93 ގޮނޑި، އޭގެތެރެއިން 9 މެންބަރުން ޒުވާން ބޭފުޅުން، އެއީ 30 އަހަރުން ދަށުގެ. 9 މެންބަރުން އަންހެން މެންބަރުން މިސާލަކަށް މިހެން ޑިސްކަސް ކުރަންޏާ ބުނަންވީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް އިސްލާހީ ބަދަލުތައް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. އަދި މިފަދަ ބަދަލެއް ގެންނައިރު، އެކަން ކުރެވޭނެ އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.