ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ ދައުރުގެ މެދުތެރެއިން އެ މެންބަރުން ވަކިކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޒުވާނުންނާއެކު ބޭއްވި 'އެސްޕްރެސޯ ވިތު ރައީސް' ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން މެންބަރުން ހޮވުމަށްފަހު، ދައުރުގެ ތެރޭގައި ޤާނޫނުގައި ކަނޑައަޅާ ޝަރުތެއް އުނިވެއްޖެނަމަ އެ މެންބަރަކު މަގާމުން ވަކިކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ. "ދައުރު ތެރޭގައި އެ ޤާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ، އެހިސާބުން ރައްޔިތުންނަށް ފުރުޞަތު އެބަލިބޭ އެ ގޮނޑިން ބޭރުކުރަން" ރައީސް ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސް ވަނީ ޤާނޫނުތަކަށް ގެންނަން ގަސްދުކުރާ މުހިންމު އިސްލާހުތަކެއްގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް ގެންނަ އިސްލާހާއި، ރިޔާސީ ދައުރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފެށޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރިޔާސީ އިންތިޚާބު އެއް ބުރުން ނިންމާލެވޭނެ ގޮތަށް 'ޕްރިފަރެންޝަލް ވޯޓިންގ' ނިޒާމެއް ތައާރަފްކުރުމަށް ބޭނުންވާ ދިރާސާތައް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ހުރިހާ އިސްލާހުތަކެއް ގެނައުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަތީޖާއަށް ބައްލަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.