3 ދަރިން ބެލުމަކީ ބުރަކަމެއް ނޫންކަމަށް ބުނަމުން އައި ފިރިމީހާއަށް 3 ދުވަހު 3 ދަރިން ބަލަން ޖެހުނީމާ ޖެހުނު ޙާލާ ޙަޤީޤަތް ވިސްނުމުން އަނބިމީހާއަށް ކުރި ތައްރީފްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
3 ދަރިން ބެލުމަކީ ބުރަކަމެއް ނޫންކަމަށް ބުނަމުން އައި ފިރިމީހާއަށް 3 ދުވަހު 3 ދަރިން ބަލަން ޖެހުނީމާ ޖެހުނު ޙާލާ ޙަޤީޤަތް ވިސްނުމުން އަނބިމީހާއަށް ކުރި ތައްރީފްގެ ވާހަކަ-

އަންހެނުންނަކީ ކޮނޑުގައި ބަސްތާ އުފުލޭނެ ބައަކަށް ނުވެދާނެއެވެ. އެއީ އެކަނބަލުންގެ ކުށެއް ނޫނެވެ. ﷲ ތައާލާ އަންހެނުން އުފައްދަވާފައިވާ ގޮތެވެ. ހަމައެއާއިއެކު ބުނެލަން އޮތީ ކޮނޑުގައި އެއްފަހަރާ 2 ބަސްތާ އުފުލޭ ފިރިމީހާއަށް 2 ދުވަހު 2 ދަރިން ބަލަން ނިކަން ޖެހިބަލާށެވެ! ބުރައީ ކޮންކަމެއްކަން ވިސްނޭނެއެވެ.  

ދިރިއުޅުން އަންނަނީ ބަދަލުވަމުންނެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށް އެހީތެރިވާ ދެމަފިރިން އަންނަނީ ގިނަވަމުންނެވެ. އެކަމުގައި އެއްބައަކު ބޮޑެތި ކުރިއރުންތައް ހޯދައި އުފާވެރިކަން ލިބިގަންނަމުންދާއިރު އަނެއްބައަކު އަދިވެސް ތިބީ ވަރަށް ފަހަތުގައެވެ.  

ފަހަތުގައި ތިބި ފިރިހެނުންނަށް ޤަބޫލުކުރެވެނީ ވަޒީފާއަކީ ހަމައެކަނި އޮފީހަކަށް ދިއުން ކަމަށެވެ. އޮފީހަކަށް ނުދާނަމަ އެކުރެވެނީ މަސައްކަތެއް ނޫންކަމަށެވެ. އެގޮތަށް ވިސްނޭ ފިރިންނަށް ތިރީގައިވާ ހާދިސާއަކީ ޢިބްރަތްތެރި ފިލާވަޅަކަށްވެގެންދާނެއެވެ. އިން ޝާ ﷲ  

ވިދާޅުވެލައްވާށެވެ!  

އަހަރެން ކޮލެޖް ނިންމައިލީ ޔުނިވަރސިޓީން ކިޔެވުމުގެ އުންމީދާއިއެކުގައެވެ. ކައިވެނިކުރީ ކައިވެނިކުރިނަމަވެސް ކިޔެވޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށްނޫނެވެ. ކައިވެނިކުރިތަނުން ދަރިއަކު ލިބިއްޖެއެވެ. ފުލުފުލުގައި 3 ދަރިން ހަމަވެއްޖެއެވެ.  

އެހިސާބުން މަތީ ތައުލީމަށް ކުރި އުންމީދުތައް ފެނަށްވެގެން ހިނގައްޖެއެވެ. ފިރިމީހާ ވަޒީފާ އަދާކޮށްގެން ދިރިއުޅެވޭވަރަށް ފައިސާ ހޯދައެވެ. ޚަރަދުވެސް ކުރެއެވެ. ނަމަވެސް ދަރިން ލިބި މަސައްކަތްބުރަވީފަހުން އޭނާއަށް ކޮށްދޭންޖެހޭ ކަންކަން އޭނާ ބޭނުންވާ ފެންވަރަށް ކޮށްނުދެވޭތީ އަބަދުހެން އޮންނަނީ މައްސަލަތައް ކުރިމަތިވެފައެވެ.  

ގެއަށް ވަނުމަށްފަހު އަހަރެންގެ ކުށްދެއްކުން ނޫން ކަމެއް ނުކުރާނެއެވެ. އޭނާދެކޭ ގޮތުގައި މަސައްކަތަކީ ހަމައެކަނި އޮފީހަކަށްގޮސް ކުރާ މަސައްކަތެވެ. ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމަކީ އެއްވެސް މަސައްކަތެއް ނޫނެވެ. ވަޒީފާ އަދާނުކޮށް ގޭގައި ހުންނަނަމަ ހުރިހާ ކަމެއް ކުރެވެންޖެހޭނެއެވެ. އަދި އެމަސައްކަތްތައް ކުރުމަކީ ވަރުބަލިވާނެ ކަމެއްވެސް ނޫނެވެ.  

އެއްރޭ ކައިނިމިގެން ސޯފާގައި ތިބެފައި ބުންޏެވެ. ކަލޭ މިހާރު އަބަދު ހުންނަނީ މޫނު ކުނިކޮށްގެންނެވެ. އެއީ ލޯބިނުވާތީއެވެ. އެހެންވެ ކަލޭ ދޫކޮށްލާފައި އެހެން އަންހެނަކު ހޯދަން އެބަ ވިސްނަމެވެ.  

އަހަރެން ބުނީމެވެ. 3 ދަރިން ގޮވައިގެން އެކުދިންގެ ކަންކަން ބަލަހައްޓަމުން ގޭތެރޭގެ މަސައްކަތްކުރުން އެއީ އެއްވެސް މަސައްކަތެއްކުރުން ކަމަކަށް ކަލޭ ނުދެކެމުއެވެ. ގެއަށް އައުމަށްފަހު ތިއަކުރާ ކަމަކީ އަހަރެންގެ ކުށްދެއްކުމެވެ. ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަދެއްކުމެވެ. އެއްޗެތި ގޮވުމެވެ. ކަލެއަށް ޖަވާބުނުދީ މަޑުން ހުންނާތީ ކަލޭ ހީކުރަނީ އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަހަރެންގެ ހިތަކީ ސިވިޗްޖެއްސީމާ ދިއްލޭ ބޮތްކެއް ނޫނެވެ. ހިނިތުންވެވޭނީވެސް ހިތަށް އުފާވެރިކަމެއް ލިބިގެން ނޫން ހެއްޔެވެ؟  

ކަލޭ ކިޔާއެއްޗެއްސަށް ކެތް ނުކުރެވިގެން އެނދުގައި އޮވެ ރޮވުނަސް ކަލޭ ތިއަ ބުނަނީ ޑްރާމާ ކުޅެނީ ކަމަށާއި އަޑު އަޑު ނުލެއްވުމަށެވެ. ނިދަން އުނދަގޫވާ ކަމަށެވެ. އެހެންވީމާ އަހަރެން މިރެއިން ފެށިގެން ޗުއްޓީ ނެގީއެވެ. 3 ދަރިން ކަލެއާ ޙަވާލެވެ. 3 ހަފްތާފަހުން އެނބުރި އަންނާނަމެވެ. ބޭނުމިއްޔާ އަހަރެން ވަރިކޮށްފައި އެހެން އަންހެނަކާއި ކައިވެނިކުރުމަކީވެސް މައްސަލައެއް ނޫނެވެ. އިން ޝާ ﷲ އަހަރެންވެސް ކޮންމެވެސް ގޮތެއް ހޯދާނަމެވެ. ހަމަގައިމުވެސް ކަލެއަކަށް އުނދަގުލެއް ނުކުރާނަމެވެ.    

އެހެން ބުނެފައި އަހަރެން ގެއިން ނުކުމެގެން ދިއައީމެވެ. 3 ދަރިން ބައިތިއްބާފައި ދާން ފަސޭހަވެގެނެއް ނޫނެވެ. ނަމަވެސް އަބަދު ހިތްދަތިކަމުގައި އުޅެންޖެހުމުން ދެންވެސް ޙައްލެއް ފެނޭތޯ އެގޮތަށް އެކަންކުރަން މަޖުބޫރުވެގެން އެގޮތަށް ކުރީއެވެ. ދިރިއުޅުން ﷲ އަށް ވަކީލްކުރުން ނޫން ދެވަނަ އެއްވެސް ގޮތެއް ނެތުމުންނެވެ.  

3 ހަފްތާގެ ބަދަލުގައި 3 ދުވަހު ގެއިން ބޭރުގައި އުޅެފައި ގެއަށް ދިއައިރު ފިރިމީހާ އޮތީ ސޯފާގައި ދެމިފައެވެ. ވަރުބަލިވެގެން ގައިގާ އެއްވެސް ވަރެއް ނެތެވެ. މީހާ ހުރީ މިލައި މޯޅިވެފައެވެ. ހީވަނީ ނުވެސް ކައިހުރިހެންނެވެ. 

އެޙާލުގައި އޮވެފައިވެސް އަޅުގަނޑު ފެނުމާއިއެކު ފުންމައިގެން ތެދުވެ ގައިގާ އޮޅުލައިގަތެވެ. ފުރަތަމަވެސް ބުނީ "އަހަރެން މުޅިން ހަލާކުވެއްޖެއެވެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ކަލޭގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާނަމެވެ. 3 ހަފްތާވަންދެން ނައިސްހުރިނަމަ އަހަރެން މަރުވެއްޖއީހެވެ. ވީމާ އެތައް އަހަރެއް ކަލެއަށް މިދަރިންނާއިއެކު ހާދަކުރެވުނީ ކަލެއަކީ ހަމަ "އައުޓްސްޓޭންޑިންގ" އަނތބަކަށްވާތީއެވެ."

ފިރިމީހާ އެއިރު ވަނީ ދަރިން ބަލަން ގޭގައި ހުންނަން 3 ހަފްތާގެ ޗުއްޓީވެސް ނަގައިފައެވެ. އެދުވަސްކޮޅުގެ ބޭނުން ހިފީ 3 ދަރިންނާއިއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އަދި އެއީ ކައިވެންޏަށްފަހު އެކުގައި ހޭދަކުރެވުނު ފުރަތަމަ ޗުއްޓީއެވެ. އެޗުއްޓީވެގެން ދިއައީ ދެމަފިރިންގެ އައު ޙަޔާތެއްގެހަނީމޫނަށެވެ. ކައިވެނިކުރުމާއިއެކު ދެމީހުން އެކަނި ހޭދަކުރި ހަނީމޫން ފޭލްވީއެވެ. މިފަހަރު 3 ދަރިންނާއިއެކު ހޭދަކުރީ ދެން ދުވަހަކުވެސް ފޭލްނުވުމުގެ އުންމީދުގައެވެ.  

ﷲ ގެ ރަޙްމަތޔްފުޅުން އެކަންވީވެސް އެހެންނެވެ. މިހާރު އެތިބީ ދަރިން ބޮޑެތިވެ ކައިވެނިވެސްކޮށްގެންނެވެ. މާމަދަރިންވެސް ލިބިއްޖެއެވެ. އިރާދަފުޅުން ދެމަފިރިން މިތިބީ އަދިވެސް ދެވަނަ ހަނީ މޫންގައެވެ. އެކަން އެގޮތަށް މެދުވެރިވީ އަނބިމީހާ ގޭގައި އިނދެގެން ކުރާ މަސައްކަތުގެ އަގު ފިރިމީހާއަށް ވަޒަންކުރެވުމުންނެވެ. އެމަސައްކަތުގައި އޭނާގެވެސް ޙިއްޞާއެއް އޮންނަންޖެހޭނެކަން ޤަބޫލުކޮށް އަޅުގަނޑަށް އެހީތެރިވާން ފެށުމުންނެވެ. އެއްޗެތިގޮވުން ހުއްޓާލައި ތަޢްރީފްކޮށް ހިނިތުންވާނެ ފުރުޞަތު ދިނުމުންނެވެ.  

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ މިވާހަކައިގައި އެވާ މައްސަލައަކީ އަޅުގަނޑުމެންގެ ތެރެއިންވެސް އެންމެ ބޮޑު އެއް މައްސަލަކަމުގައިވާތީއެވެ. ކިޔާނެހައި އެއްޗެއް ކިޔައި ހަދާނެހައި ގޮތެއް ހަދާފައި ހިނިތުންވެގެން ހުރެބަލާށޭ ބުނި ނަމަވެސް އެކަން ކުރާނީ ކިހިނަކުންހެއްޔެވެ؟ ގޮވައިގެން ބޭރަށް ގޮސްނުލާނަމަ ފެންވެރިނަމަވެސް ޒީނަތްތެރިވެގެން ހުންނަހިތް ވެވޭނެހެއްޔެވެ؟  

އުންމީދުކުރަނީ ކޮންމެވެސް ބއަކަށް ޢިބްރަތަކަށްވާނެ ކަމަށެވެ! އިން ޝާ ﷲ

 

- ޔުމްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން