ސްކޫލްއިރުންސުރެ އެންމެ ގާތް ދެކެއުވެރިންގެ ގޮތުގައި އުޅެމުން އަންނަތާ 5 އަހަރުފަހުން ފިރިހެން ކުއްޖާ އަންހެންކުއްޖާގެ ކިބައިން ކައިވެންޏަށް އެދުމުން ރޮމުން ކިޔައިދިނީ ވަރަށް އަސަރުގަދަ ވާހަކައެވެ.
"އެއިރު އަހުރެންގެ ޢުމުރުން 14 އަހަރުވެސް ނުފުރެއެވެ. އެެހންވެ ކަންކަމަށް ވިސްނާކަށް ނުއެނގެއެވެ. ބޮޑުބޭބެ ގެއަށް އަންނަ ކޮންމެ ދުވަހަކު ޗޮކުލެޓާއި އަހުރެން ބޭނުންވާ އެއްޗެތި ގެނެސްދެއެވެ. ބައްދައި އޮޅުލައި ހަދައެވެ. އަހުރެން ހީކުރަނީ އެއީ ދަރިކުލުނުގައި ކަމަށެވެ. ނަމަވެސް އެކަން ހިނގައިދިއައީ އެގޮތަކަށް ނޫނެވެ. މަންމަމެން ގޭގައި ނުއުޅޭނެ ވަޤުތުތައް ބަލާފައި އައިސް އަހުރެންގެ ބޭނުންކުރަންފެށީއެވެ. ބުނީ އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެފިނަމަ ގެއިން އެންމެން ނެރެލާނެކަމަށެވެ. ގެއަކީ ބޮޑުބޭބެގެ ގެއަކަށްވުމުން ޖެހުނީ އަނގަ ބަންދުކޮށްގެން ހުންނާށެވެ.
އެކަމަކުވެސް ކެތްނުކުރެވިގެން މަންމަގެ ގާތު އެވާހަކަ ކިޔައިދިން ދުވަހު ރޮމުން މަންމަ ބުނީ މަންމައަށް ކުރެވެން ހުރި ކަމެއް ކުރާނެކަމަށެވެ. އެއިގެ ފަހުން އަހުރެން އެކަނި ގޭގައި ބަހައްޓާފައި އެއްވެސް ތަނަކަށް ނުދެއެވެ. އެގޮތަށް ކަންތައްކުރަން ފެށުމާއިއެކު ބޮޑުބޭބެއަށް އެކަންވިސްނި 3 މަސްދުވަސްތެރޭ ގެއިން ނުކުންނަން އެންގިއެވެ.
އެހެންވެ އެކަމަށް ހަދާނެ ގޮތަކަށް މަންމަމެން ވިސްނަމުން ދަނިކޮށް ބޮޑުބޭބެ އެކްސިޑެންޓްވެ ވާގިނެތުނީއެވެ. ޚަރަދުކުރަމުންގޮސް އަތްމަތިހުސްވެ ބޮޑުބޭބެ އަށް އެހީތެރިވެދޭނެ މީހަކު ނެތުމުން ބޮޑުބޭބެ މިހާރު ބަލަހައްޓައިދެނީ މަންމައާއި ބައްޕައެވެ. މާދަމާވެސް ގަދަވެ އެކަނި އުޅެވޭނެވަރުވެއްޖެނަމަ ކަންތައްކުރާނެ ގޮތެއް ނުއެނގެއެވެ.
އަހުރެން ތިބާދެކެ މާކުރިންވެސް ލޯބިވަމެވެ. އެކަމަކު އެވާހަކަ ދައްކަން ނުކެރިފައި މިހުންނަނީ އަހުރެންގެ ކުށަކާ ނުލައި ނަމަވެސް އަހުރެންގެ ބިކުރުވެރިކަން ގެއްލިފައިވާތީއެވެ. މިޙަޤީޤަތް ޤަބޫލުކޮށް ހަމްދަރުދީވެދޭނެނަމަ އަހުރެން މިހުރީ ހަމައެކަނި ކައިވެނިކުރާކަށްވެސް ނޫނެވެ. ތިބާގެ އަޅަކަށްވެގެން ތިބާއާއިއެކު ޢުމުރު ހޭދަކުރާށެވެ. ގޮތް ނިންމާނީ ތިބާއެވެ.
ޒުވާނާ ބުނީ ބޮޑުބޭބެ އެބަލިޙާލުގައި ނެތްނަމަ ހޯދައި ޗިސްޗިސްކޮށްލަން ބޭނުންވާ ކަމަށެވެ. އެކަމަކު އޭނާކުރި ބޮޑުކުށަށް މިހާރު އަދަބުލިބިފައިވާތީ އެކަމާ މިހާރު އަޅައިނުލާނެ ކަމަށެވެ. ގަދަވެއްޖެނަމަ ބަދަލުހިފާނެ ކަމަށެވެ. އަދި އެހުރިހާ ކަމަކާއިއެކުވެސް މިހުރީ ބަލައިގަނެ ކައިވެނިކުރަން ތައްޔާރަށް ކަމަށެވެ.
ދެމީހުންގެ ކައިވެނިކުރެވުނެވެ. ކައިވެންޏަށް މިހާރު 10 ވަރަކަށް އަހަރުވެދާނެއެވެ. ދިރިއުޅެމުން އެއަންނަނީ ވަރަށް އުފަލުގައެވެ.
މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން މެދުވެރިވި ގޮތެވެ. ހިތާމައާއިއެކުވެސް ބުނެލަންޖެހެނީ އަމިއްލަ ދަރިންނާއި ދަރިންފަދަ ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަންނަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ކިތަންމެ ތިމާގެ މީހަކަށްވެސް މިކަމުގައި އިތުބާރުކުރުން ހުއްޓާލައިގެން ނޫނީ ޙައްލެއް ނެތެވެ.
- ޝަމްޞިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް