ކައިވެނީގަ ތިން ދަރިން ލިބިފަ ތިއްބައި ފިރިމިހާ އައިސް ބުނީ މާޒުވާން، މާރީތި، މާތަނަވަސް އަންހެނަކު ލިބިއްޖެކަމަށާއި އެހެންވެ ވަރިކޮށްލާފައި ދަނީ ކަމަށެވެ. ދިރިއުޅޭނެ މާބޮޑު ގެއެއްވެސް އެބަހުރި ކަމަށެވެ.
އަނބިމީހާ ކުރީ އެންމެ ސުވާލެކެވެ. "ދަރިންވެސް ދޫކޮށްލަނީ ހެއްޔެވެ؟" ޖަވާބަކީ އިހަށް ބޭނުންވަނީ ހަމަޖެހިލާށެވެ. ދަރިންނާއިމެދު ވިސްނާނީ ފަހުންނެވެ. ގެއިން ނުކުންނަމުން ބުނީ ދެން ދުވަހަކުވެސް އެނބުރި އެގެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ.
އޭނާ ނުކުމެގެން ދިއައީ ލޯބިވެރިޔާ ދީފައިވާ އެޑްރަހަށެވެ. ގޮސް ގުޅާގުޅައިވެސް ފޯނެއް ނުނެގިއެވެ. ސޯޝަލްމީޑިއާބެލިއިރު އެކައުންޓްވަނީ ޑިލީޓްކޮށްފައެވެ. ބޮޑު ދެރައެއް ލިބިއްޖެކަން ވިސްނިގެން އެނބުރި ގެއަށް ދިއައިރު ގޭގެ ތަޅުތައް ހުރީ ބަދަލުކޮށްފައެވެ. ގެއަކަށް ނުވަދެވުނެވެ. އަނބިމީހާއަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުން އޭނާވެސް ފޯނެއް ނުނެގިއެވެ.
ލިބުނު ދެރައިގައި ޖެހުނީ ލިބޭ މުސާރައިން ބޮޑުބައެއް ހޭދަކޮށްގެން ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅެންފަށާށެވެ. އެއިގެ ދުވަސްކޮޅެއްފަހުން ރެޑްވޭވް ފިހާެައަކުން އަނބިމީހާ ފެނުނެވެ. ގޮސްހުރީ 3 ދަރިންވެސް ގޮވައިގެންނެވެ. ލައިގެންހުރީ ސޯޝަލްމީޑިއާއިން ލޯބިވެވުނު އަންހެންމީހާ ލައިގެން ފޮޓޯނަގާފައިވާ ހެދުމެކެވެ. އިސްތަށިގަނޑުވެސް ހުރީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މިވީގޮތް ފިރިމީހާއަށް އެނގުނީ އެހިސާބުންނެވެ. ސޯޝަލްމީޑިއާއިން ހިތާވެގެން މިއުޅެވުނީ އަމިއްލަ އަނބިމީހާއާއިއެވެ. އަނބިދަރިން ދޫކޮށްލާފައި ހޯދަން މިދެވުނީވެސް އަނބިމީހާއެވެ. އަނބިމީހާ މުސްކުޅިވެ ސިފަހުތުރުވެގެން ލޯބިވެވުނު ޒުވާން އަންހެނަކީވެސް އަނބިމީހާއެވެ. ހެދުންތަފާތުކޮށްލައި މޭކަޕަްކޮށްލީމާ ނުއެނގުނީއެވެ.
ދެން މިބުނެދެނީ އަނބިމީހާ އެކަންކުރި ސަބަބެވެ. ފިރިމީހާ ސޯޝަލް މީޑިއާގައި ޒުވާން އަނހެންކުދިންނާއި ގުޅި ލޯބީގެކުޅިވަރުކުޅޭކަން އަނބިމީހާއަށް ފަޅާއެރުމުން ބުނީ އެއީ ސީރިޔަސްކޮށްކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް އަނބިމީހާއަށް އޭނާގެ ވާހަކަ ޤަބޫލުނުކުރެވުނީއެވެ. ފިރިމީހާ އޭނާ ދޫކޮށްލާފައިދާނެ ދުވަހެއް އަންނަންދެން އެދުވަހަށް އިންތިޒާރުނުކޮށް ކުރިއަށް އެއްފިވަޅު އަޅައިލީއެވެ. ޢުމުރުން ބާކީ އޮތްދުވަސްކޮޅު މަކަރުވެރިއެއްގެ މަޅިގައި ޖެހިގެން ހުރުމުގެ ބަދަލުގައި ހިތްހަމަޖެހުމާއި އުފަލުގައި ހޭދަކޮށްލަން ބޭނުންވެ އެކަމަށް މަގުފަހިކޮށްލީއެވެ.
އަނބިމީހާ ހުހަށްހުރީ ޢިއްދަހަމަވަންދެންނެވެ. ޢިއްދަހަމަވުމުން ހެޔޮލަފާ މީހަކާ ގުޅި ކައިވެނިކުރީއެވެ.
މިއީ ފިލްމެއް ނޫނެވެ. ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. އެމީހަކު ބޭނުންވާ ގޮތަކަށް ފިލާވަޅު ލިބިގަންނާށެވެ.
- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް