"އަޅުގަނޑުގެ އަންހެން ދަރިއަކު ހުރެއެވެ. އުޅެނީ ވަޒީފާއެއްގައެވެ. އެކަމަކު ކޮންމެ ދުވަހަކުހެން ގެއަށް އައިސް ރޮޔެވެ. އޭނާގެ ކުލަކަޅުވެފައި ހުތުރުކަމަށްބުނެ މީހުން ފުރައްސާރަކުރާތީއެވެ. އަޅެ އަޅުގަނޑުގެ ދަރިފުޅު އެސިފައިގައި އުފަންކުރެއްވެވީ އެރީތި މީހުންވެސް އުފެއްދެވި ﷲ ތަޢާލާކަން އެމީހުންނަށް ނުއެނގެނީހެއްޔެވެ؟ ހަމަގައިމުވެސް އެއެންމެންނަށްވުރެވެސް އަޅުގަނޑުގެ ދަރިފުޅުގެ އެތެރެފުށް ރީތިވާނެއެވެ. އެއީ މިހާރުވެސް ރޭއަޅުކަންކުރާ ދަރިއެކެވެ."
މިއީ ކިޔުންތެރިއަކު ފާހަގަކުރައްވާފައިވާ ކަމެކެވެ. މިފަދަ ކަންކަން ހިނގަމުންދާތީ މިގެނެސްދެނީ ފިލާވަޅަކަށްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
އެކިމީހުންނަށް ރީތިވާނީ އެކި ސިފަތަކެވެ. އެކަކަށް ހުތުރުވާ ސިފަ އަނެކާއަށް ރީތިވުމަކީ ﷲ ތަޢާލާގެ ރަޙްމަތެވެ. އެހެނީ އެކަކަށް ސިފަހުތުރުވާ މީހަކު އެންމެންނަށް ސިފަހުތުރުވާންވެއްޖެނަމަ އެމީހަކާއި ކައިވެނިކުރާނީ ކާކުހެއްޔެވެ؟
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ! ދަތްޕިލަ ބޭރަށް ހުންނަނަމަ ގިނަބައަކަށް ހުތުރުވެއެވެ. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން އެތެރެކޮށް ރީތިކުރަން ގިނަ ބައަކު މަސައްކަތްވެސް ކުރެއެވެ. އެކަމަކު ދަތްޕިލަ ބޭރަށް ހުންނަ މީހުންނާއި ލޯބިން ކައިވެނިކޮށްގެން ކިތައް މީހުން އެބަ އުފަލުގައި ދިރިއުޅޭހެއްޔެވެ؟ މިފަދަ ކިތަންމެ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ.
ތިރީގައި އެވަނީ އޭނާގެ ސިފަ ރީތިވުމުން ބޮޑާކަން ހައްދުފަހަނަޅައިދިއަ އަންހެނެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ.
އޭނާ އަބަދުވެސް އެކުވެރިން ގާތު ބުނަނީ ކިތަންމެ ބޮޑު ހޭދައެއްކުރަންޖެހުނަސް ހަށިގަނޑުގެ ސިފަ ރީކޮށް ބަހައްޓަން މަސައްކަތްކުރުމަށެވެ. ރީތި އަގުބޮޑުފޭރާންލާށެވެ. އަގުބޮޑު ސެންޓުޖަހާށެވެ. ރަނގަޅު ބައިވެރިއަކު ލިބޭނީވެސް އަދި ވަޒީފާއެއް ލިބޭނީވެސް އެއިރުން ކަމަށެވެ.
އެއިގެ އިތުރުން އޭނާއަށް ޤަބޫލުކުރެވިފައި އޮންނަނީ ސިފަހުތުރު މީހުންނާއި އެކުގައި އުޅޭނަމަ އެމީހެއްގެ ސިފަ ހުތުރުވާނެ ކަމަށެވެ. އެހެންވެ ސިފަ ހުތުރު މީހުންނާ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އަދި މަގުމަތިންދާއިރު ސަލާންޖަހާ މީހަކު ކަމަކު އެދުނަސް އޭނާދާނީ ނުބައި އެއްޗެތި ގޮވަމުންނެވެ. ޔަތީމްޚާނާއަކަށް ގޮސް މަޑުން ތިބުމަށް ބުނާނެއެވެ.
މިފަދަ ގޮތަކަށް އޭނާ އުޅެނިކޮށް އެއްދުވަހަކު މަގުމަތިން ބައްދަލުވި ސަލާންޖަހާ އަންހެނަކު ފައިސާފޮތްޗަކަށް އެދުމުން އާދައިގެމަތިން އޭނާ ގޮވާ ހުރިހާ އެއްޗެތިތަކެއް ގޮވައި ނިންމާލާފައި ދިއައީއެވެ. އެވަގުތު އެމީހާ ބުންޏެވެ. "ކަލެއަށް ތިއަހުރީ ކަލޭގެ ރީތިކަމާ ތަނަވަސްކަން ފިސާރިވަރަކަށް ފެނިފައިތާއެވެ. ދައްތަގެ އުމުރަކީ 70 އަހަރެވެ. ވީމާ މުސްކުޅި ސިފަޖަހާތީ ދެރައެއްވެސް ނުވަމެވެ. ބަލަންހުންނާށެވެ! ކަލޭގެ ތިއަ އުމުރުގައި ވެސް ކަލޭގެ ގައިގައި ނުބައި ސިފަތައް ޖެއްސެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. ވިސްނައި ބިރުވެތިވެގެން އުޅޭށެވެ!" އެމީހާ ދެއްކި ވާހަކަތަކަށް ސަމާލުކަން ނުދީ އޭނާ ދިއައީއެވެ.
އެއިގެ 2،3 ރޭ ފަހުން އެއްރޭގެ ނިދީން ހޭލެވުމުން ފާޚާނާއަށްވަދެ އަމިއްލައަށް ސިފަ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ފުރަތަމަވެސް ހީކުރެވުނީ ނިދީގެ އަސަރުހުރުމުން ލޮލަށް ފެންނަ ގޮތް ކަމަށެވެ. އެހެންވެ ދެތިން ހަތަރުފަހަރުމަތިން މޫނު ދޮވުމުންވެސް ވީކަމެއް ނެތެވެ. އަމިއްލަ މޫނު ފެންނަނީ 80،90 އަހަރުގެ މީހެއްގެ މޫނުފަދައިންނެވެ.
އެހެންވެ ހެނދުނު ހެނދުނާ އޭނާގެ ސިފަ ރީތިކޮށްދޭ ޑޮކްޓަރާއި ބައްދަލުކުރުމުން ޑޮކްޓަރު ބުނީ އޭނާގެ މޫނަށް ޖެހިފައިއެވަނީ އާދައާ ޚިލާފް ކަމެއް ކަމަށެވެ. އެކަމަށް ޙައްލެއް ހޯދައިދޭން އޭނާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތްކަމަށެވެ. އޭނާ ވަރަށް ދެރަވިއެވެ. ސަބަބަކީ މިހާރު އޭނާގެ މޫނު ފެނުނު މީހަކު ނަމަ ބުނާނީ އެއީ 90-، 100 ވަރަކަށް އަހަރުގެ މީހެއްގެ މޫނު ކަމަށެވެ.
އޭނާއަށް ކަންކަން ވިސްނެންފެށީ އެހިސާބުންނެވެ. ފާއިތުވި 30 ވަރަކަށް އަހަރު އޭނާގެ ވިސްނުން ގެންގުޅެވުނު ގޮތާއިމެދު ހިތާމަކުރަންފަށައިފިއެވެ. އެންމެ ބޮޑަށް އަސަރުކުރަނީ މަގުމަތީގައިވިޔަސް ފިހާރައެއްގައިވިޔަސް ހުއްޓާ އަންނަ މީހުން "މާމާ! ތަންކޮޅެއް ދައްކަބަލަ!" ބުނާތީއެވެ. ދެން އެންމެ ދެރަވެ ލަދުގަންނަނީ މާޒުވާންކުދިން ލާފަދަ ހެދުން ލައިގެން މާމަ ހުންނާތީ މީހުން ފުރައްސާރަކުރާއަޑު އިވޭތީއެވެ. އެފަދަ އަޑުތައް އިވުމުން އެމީހުންނަށް އެނާގެ އައިޑީ ޚާޑު ދައްކަންވެސް ބޭނުންވެއެވެ. ނަމަވެސް ދެއްކިނަމަވެސް ސިފަ އެގޮތަށް ފެންނަން ހުއްޓާ ޤަބޫލުކުރާނީވެސް ކާކުހެއްޔެވެ؟
މިހާލެއްގައި އަހަރެއްހައި ދުވަސް ފާއިތުވެގެން ދިއައިރު އެނާއަށް މާޔޫސްކަން ލިބުނު ވަރު ބޮޑުކަމުން އަމިއްލައަށް ދުނިޔެ ދޫކުރަންވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ނަމަވެސް ކެތްތެރިވެގެން ހުއްޓާ އިމާމަކާއި ބައްދަލު އޭނާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބުނީ ކުރީގެ ވިސްނުން ގެންގުޅެވުނީތީ ތައުބާވުމަށެވެ. އަދި ކައްފާރާއެއްގެ ގޮތުން ލިބުނުހައި ގިނައިން ޞަދަޤާތްކުރުމަށެވެ. ހަމައެއާއިއެކު ނިކަމެތިންނަށް ވީހައި ބޮޑަށް ހެޔޮކޮށް ހިތުމަށެވެ. ސިފަހުިތުރު މީހުން ދެކެ ލޯބިވުމަށެވެ.
އޭނާ އިމާމުގެ ބަސް ޤަބޫލުކޮށް ޢަމަލުކުރަން ފެށިއެވެ. ރަނގަޅުވީ 3 އަހަރުފަހުންނެވެ. އެއިރު އޭނާގެ ހުރިހާ އެކުވެރިންވެސް ވަނީ އޭނާއަށް ގެއްލިފައެވެ. އޭނާ ދޫކޮށްލާފައެވެ. އޭނާ މަސައްކަތްކުރީ އަވަހަށް ކައިވެނިކުރާށެވެ! ﷲ ގެ ރުހިވޮޑިގަތުން ބޭނުންވެފައިހުރިވަރުން ކައިވެނިކުރީވެސް ހަމަ ވަރަށް ސިފަ ހުތުރު މީހަކާއިއެވެ. އޭނާއަކީ ހަށިގަނޑުގެ ބޭރުގެ ސިފަ ހުތުރުނަމަވެސް އެތެރޭގެ ސިފަތައް ވަރަށް ރީތި މީހެކެވެ. އަޚްލާޤް ރަނގަޅު ތަޤްވާވެރިއެކެވެ. އަމިއްލައަށް ދިރިއުޅެވޭވަރުގެ ތަނަވަސްކަންވެސް ހުރި މީހެކެވެ.
ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން އެނގިގެންދަނީ މިފަދަ ކަންކަމުންނެވެ. އޭނާގެ ކުށްތަކަށް ތައުބާވުމުން ކުރިން ހުރި ސިފަވެސް ދެއްވެވީއެވެ. ތަޤްވާވެރިކަންވެސް ދެއްވެވީއެވެ. އުފާވެރިކަމާ ތަނަވަސްކަމުން ފުރިފައިވީ ޒަވާޖީ ޙަޔާތެއްވެސް ދެއްވެވީއެވެ. ދެން މަދުވާނީ ކޮންކަމެއް ހެއްޔެވެ؟
މިއީ އަޅުގަނޑުގެ އެކުވެރިއަކު އަޅުގަނޑަށް ފޮނުވި ވާހަކައެކެވެ. އެކުވެރިޔާ އަޅުގަނޑަށް މިވާހަކަ ފޮނުވީ އަޅުގަނޑަކީވެސް ބޭރުފުށުގެ ސިފަ ރީތި އަންހެނަކަށްނުވާތީ އަޅުގަނޑަށް ހިތްވަރުދިނުމަށެވެ. އަޅުގަނޑަށްވެސް ބައެއް މީހުން މަލާމާތްކުރާތީ އެކަމާއި ދެރަނުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ކޮންމެއަކަސް އަޅުގަނޑުވެސް ބުނަން އޮތީ އެއްވާހަކައެކެވެ. އެއީ ބޭރުފުޅުގެ ސިފައަކީ މުހިންމު ކަމެއް ނޫންކަމެވެ. ކޮންމެ ސިފައެއްގައި ހުރިނަމަވެސް ލޯބިވާނެ މީހަކު ލިބިދާނެކަމަށެވެ. ހަމަ ޤައިމުވެސް އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ދެކެ ވަރަށް ލޯބިވެއެވެ.
ސިފަހުތުރުވުމާއި ތަނަވަސްކަން ނެތުމުންނާއި އުމުރުން ދުވަސްވުމުން އެއްވެސް މީހަކަށް ނަފްރަތުކުރެވޭނަމަ އެނގިގެންދަނީ އެމީހާގެ ކިބައިގައި އީމާންތެރިކަމެއް ނެތްކަމެވެ. އެހެނީ މި 3 ކަމަކީ އެއްވެސް މީހަކަށް އަމިއްލައަށް ލިބިގަނެވޭނެ ކަންކަމެއް ނޫނެވެ. ﷲ ތަޢާލާ އިރާދަކުރައްވަވާ ކަންކަމެވެ.
އަދި ކޮންމެ މީހަކަށްވެސް އެފަދަ ޙާލެއް ކޮންމެ ވަގުތަކުވެސް ޖެހިދާނެއެވެ. ކިތަންމެ ރީތި މީހަކުވެސް ހަމަ ކުއްލިއަކަށްވެސް ސިފަހުތުރު މީހަކަށް ބަދަލުވެދާނެއެވެ. ރީތިކަމުގައި ދެމިހުންނަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއީ އެމީހާގެ އަމިއްލަ ބާރު ހިންގޭނެ ކަމެއް ނޫނެވެ.
- ޚާލިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް