ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ޖުމްލަ 322 މިލިއަން ރުފިޔާ ބެހުމަށެވެ. މިއީ އެ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއީ ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކަމާއި، ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް 2.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ބޭންކުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރަމުން ބީއެމްއެލް އިން ބުނީ، ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 55.8 ބިލިޔަން ރުފިޔާ އަށް އިތުރުވެފައެވެ.