އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފިޓްނެސް ސެންޓަރުތައް ހިމެނޭހެން މުޅި ރާއްޖޭގެ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"އެސްޕްރެސޯ ވިތް ރައީސް" ގެ ނަމުގައި ޒުވާނުންނާއެކު ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާބާދީ ބޮޑު ސަރަހައްދުތަކުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރަމުން އަންނަ ކަމަށެވެ.
މިގޮތުން މާލެ ސަރަހައްދުގައި ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިޔަށްދާއިރު، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ފިޓްނަސް އެންޑް ރިކްރިއޭޝަނަލް ސެންޓަރުތަކެއް ގާއިމު ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މި ޕްރޮޖެކްޓްތަކުގެ ކުރެހުންތަކުގެ ފޮޓޯތައް ޒުވާނުންނާ ހިއްސާކުރައްވައި، އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި ވަރަށް އަވަހަށް އެތަން ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ބޯލިން އެރީނާއެއް އެޅުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، "ފިއު މަންތްސް ތެރޭގައި މަސައްކަތް ފެށޭނެ. މިއަހަރުގެ ސެކަންޑް ކުއާޓާ ތެރޭގައި، ބޯލިން އެރީނާ، އާކޭޑް ސެންޓަރ އަދި އިންޑޯ ފުޓްސަލް އާއި އިންޑޯ ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް، އަދި ޕްލޭޕާކްގެ މަސައްކަތްވެސް ވަރަށް އަވަކަށް ފެށޭނެ" ކަމަށެވެ.
ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް 40 އަށްވުރެ ގިނަ ގޭމިން ސްޓޭޝަނާއި، ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެ ޓޯނަމަންޓް އެރީނާއަކާއި، ބްރޮޑްކާސްޓް ކުރެވޭނެ ވަސީލަތްތަކާއެކު އީ-ގޭމްސް ސްޓޭޑިއަމެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަޝްރޫއެކެވެ.
ޒުވާނުންގެ ވެހިގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ ތަނަކީ އީ-ގޭމިންއަށް އޮތް ޑިމާންޑާ އެއްވަރަށް ވަސީލަތްތައް ނެތުމުގެ ޝަކުވާ ޒުވާނުން ހުށަހެޅުމުން، 20 ނޮވެމްބަރު 2025 ގައި ރައީސް ހަމަޖައްސަވައިދެއްވި ތަނެކެވެ. މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން 3000 އަށްވުރެ ބޮޑު އާބާދީ އޮންނަ ގާތްގަނޑަކަށް 20 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ބުރިޖާއި ގުޅޭ ހައިވޭގެ ބޭރުން އެ ބިން ހިންކުމުގެ ޢަމަލީ މަސައްކަތް ފައްޓަވަން ނިންމަފާއިވާއިރު މިއީ ބައިނަލްއަޤުވާމީ ރޭސިން މުބާރާތްތައް ބޭއްވޭ ގޮތައް ތަރައްޤީކުރައްވާނެ ޓްރެކެއް ކަމަށެވެ."ރޭސިންއާއި ޑްރިފްޓިންއާއި ދެ ސްޕޯޓްސްއަށް ބޭނުންވާ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭނެ ޓްރެކެއް މި ހަދަނީ. މީ ހައިވޭގެ ބޭރުން ތޮއްޓެއްލާފަ ސެކިއުއާ ކޮށްފައި ބިންހިއްކާފަ އެތަނުގައި މި ހަދަނީ. މި ކިޔަނީ ހުޅުމާލެއަށް ދާ ހައިވޭ" ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ މިއީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެމަސައްކަތް ކުރިޔަށް ގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ޒުވާނުންނަށް ހާއްސަކޮށް ކުޅިވަރަށް ހަމަޖައްސައިދޭ ވަސީލަތެއް ކަމަށާއި، މިއީ އުފާވެރި ޕްރޮޖެކްޓަކަށް ވާނެ ކަމަށެވެ.