ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން 1000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ސިޔާސަތުގެ ދަށުން ފްލެޓްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދެ މޮޑެލްއަކަށެވެ. އެއީ އަގުހެޔޮކޮށް ފްލެޓް ގަނެވޭ ގޮތަށް ތަރައްޤީކުރާ "އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް" އާއި، މަހުން މަހަށް ކުލި ދައްކައި ނިންމައިގެން މިލްކުވެވޭ ގޮތަށް ތަރައްޤީކުރާ "ރެންޓް-ޓު-އޯން މޮޑެލް" އެވެ. ސަރުކާރުން މިހާރު ވަނީ މި ދެ މޮޑެލްއިންވެސް ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފްލެޓްތައް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ މަހުގެ ނިޔަލަށް ބިން ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، "ތާވަލު އޮތީ މި ދައުރުގެ ތެރޭގައި 2028 ވަނަ އަހަރުގެ ޖޫން މަހަށް ބީއެމްއެލްއިން ތަރައްޤީ ކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުން. އަދި އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ 1000 ހައުސިން ޔުނިޓްގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ،" ކަމަށެވެ.
މި މަޝްރޫޢުތައް ނިމުމުން، 2028 ވަނަ އަހަރަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރެވޭނެ އަހަރަކަށް ވެގެންދާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.