ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގެ ބިންގާ އެޅުމަށް ކުޅުދުއްފުށީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ފެސިލިޓީގެ ބިންގާ އަޅުއްވައި، އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުއްﷲ ނާޒިމް އިބްރާހިމް އެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ އިސް ބޭފުޅުންނާއި، ހޮސްޕިޓަލުގެ އިސްވެރިންގެ އިތުރުން އެ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އައިސޮލޭޝަން ފެސިލިޓީއަކީ އެ ސަރަހައްދުގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މި މަސައްކަތް ފެށުމާއެކު، ހޮސްޕިޓަލުގެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.